ވަރަށް ބޮޑަށް ބާވެ، "ބޮލަށް ވެއްޓެން" ކައިރިވެފައިވާ ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބޭނުން ކުރާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅުމާއެކުވެސް ވަރަށް ފަހަކާ ޖެހެންދެންވެސް އެ އިމާރާތް ބޭނުންކުރިއެވެ.

އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ވެސް ވަނީ ވަރަށް ފަހަކާއި ޖެހެންދެން ހިންގާފައެވެ.

ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ މި އިމާރާތުގެ ފަންގިފިލާތައް ހުރީ ޑެކް އަޅައިގެންނެވެ. ނަމަވެސް ގިނަ ދުވަސްވެ ޢިމާރާތުގެ ބައެއް ތަންތަން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ޝީޓުން ބައެއް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންވެފައިވެސް އެބަހުއްޓެވެ. އަދި ފަސް ވަރަކަށް އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓުގެ ބައެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވި ހާދިސާއެއް ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުރަވީ ބިލްޑިންގ ތަލާލުމަށްފަހު އެތަނުގައި ގާއިމް ކުރަން ނިންމާފައި ވަނީ ޕާކެކެވެ. އެތަން ތަޅާޅުމުގެ މަސައްކަތުގައި މިހާރު ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާރު އެތަނުގެ އެތެރޭގައި ހުރި ސީލިންގ އާއި އެނޫންވެސް ބައިތައް ނަގަން ވަނީ ފަށައިފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެ އިމާރާތް ތަޅާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ވަނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި އެ އިމާރާތް އެއްކޮށް ތަޅާލައި އެތަނުގައި ޕާކެއް އެޅޭނެ ތާރީހެއް ދަންނަވަން އެނގޭނީ އެ އިމާރާތް އެއްކޮށް ތަޅާ ނިމުމުން ކަމަށް ވިދާޅުވިއެވެ.

ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އޭރު އެކަން ވާގޮތް ވެފައެއް ނުވެއެވެ.

މީގެ އިތުރުންވެސް 2020 ވަނަ އަހަރު ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ އިމާރާތް ތަޅާލަން ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ މުދަލަށް ބޮޑު ގެއްލުމެއްވުމުގެ ކުރިން އެތަން މަރާމާތު ކުރަންޖެހޭ ކަމަށާއި ނުވަތަ އެތަން އެއްކޮށް ތަޅާލަން ޖެހޭ ކަމަށް އޭރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ގޮވާލައްވާފައެވެ.