މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ރީނދޫ ސަމާލު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނުވެސް ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. މިއަދު ތިން ވަނަ ފަހަރަށް އިތުރުކުރީވެސް މި ސަރަހައްދަށެވެ.

ފަހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 1:00އަށެވެ.

އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އިން ލަފާކޮށްފައި ވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދަރާތަކުން ވަނީ އެދިފައެވެ.