ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ވެސް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުގެ ނަން ނުބައިކޮށް ވިދާޅުވެވިއްޖެއެވެ.

ރާޝިދު ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އިންތިޚާބު ވުމުން އޭނާ މަޖިލީހުގެ ކޮމެޓީތަކަށް އައްޔަންކޮށް އެކަން އިއުލާން ކުރައްވަމުން މިދިޔަ ފެބްރުއަރީ މަހު މަޖިލިސް ޖަލްސާއެއްގައި ނަޝީދު ވަނީ ރާޝިދުގެ ނަން ތިން ފަހަރަށް ނުބައިކޮށް ވިދާޅުވެފައެވެ. އެކަން އޭރު ވެސް މީޑިއާގައި ފާހަގަ ކުރިއެވެ.

މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ކުނި މެނޭޖް ކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައެވެ. އެބިލްގެ ފުރަތަމަ ކިޔުން އިއްވަމުން ބިލް ހުށަހެޅުއްވި މެންބަރެއްގެ ގޮތުގައި ނަޝީދަށް ވިދާޅުވެވުނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކަމަށެވެ. ނަމަވެސް ރަނގަޅު ގޮތަކީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.

ރާޝިދުގެ ނަން ނުބައިކޮށް ވިދާޅުވެވުނުކަމެއް މިއަދު ނަޝީދަށް ފާހަގައެއް ނުކުރެވެއެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމުން ބޭއްވި ބައިއިލެކްޝަން ކާމިޔާބުކޮށް ރާޝިދު މަޖިލީހަށް ހޮވިވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުއެވެ. ރާޝިދުގެ ކެމްޕޭންގައި ނަޝީދާއި ރައީސް ސޯލިހާއި، ސަރުކާރުގެ ހުރިހާ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާޝިދުގެ ކެމްޕޭންގައި ނަޝީދު ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި ވީނަމަވެސް ރާޝިދު ދާދިފަހުން ވަނީ ވަރަށް ފާޅުގައި ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ސަރުކާރާއި ފެއަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނަޝީދު ދާދިފަހުން ވިދާޅުވުމުން ނަޝީދު ހިންގަވަނީ ޖަރީމާއެއް ކަމަށް ރާޝިދު ވިދާޅުވެފައި ވެއެވެ. ރާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފެންނަ މަންޒަރަކީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި ކުޅޭނެ ކާޑުތައް ތައްޔާރުކޮށް ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

ރާޝިދު ނަޝީދަށް ފާޑުވިދާޅުވުމުން ނަޝީދަށް ތާއިދުކުރާ މެންބަރުން ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    މީވެސް ޙަބަރެއް؟

    • ahmed

      Kaley nehteetha

  2. އަހަންމަދުު

    އައްނިއަށް ވާނީ ތިހާކައްވަރުކަން އޭނާ މަޖިލިހުގެ ރައީސަކަށް ހޮވިމީހުނަށް އެއިރުވެސް އެގޭނެ. ކޮންމެދުވަހަކު ހަމައިގަ ހުނަންޖެހޭނެތަ؟