ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލަ ސާބިތު ނުވާ ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

މަސްއޫދަށް ހަމަލާ ދިންކަން ސާބިތުނުވާ ކަމަށް ހުކުމް ކުރިއިރު އޭނާ އަށް ހަމަލާދިން މަންޒަރު ވީޑިއޯ ވެސް ކޮށްފައި ވެއެވެ.

ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ ލ.އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ސަރީފް ބެއްލެވި މިމައްސަލާގެ ހުކުމްގައި ބުނެފައި ވަނީ ސަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ޕަބްލިކް ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަގުތަށް" ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ.

ޕީޖީ އޮފީހުން އަހުމަދު ސަމީމްގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަމީނީމަގުން އެ ރޭ މަސްއޫދު އަނބިކަބަލުން ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި އަހުމަދު ސަމީމް އައިސް މަސްއޫދު ދުއްވަން އިން ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އަހުމަދު ސަމީމް ވަނީ އެމާރާމާރީ ހިނގި އިރު އޭނާ އެތަނުގައި ވެސް ނެތް ކަމަށް ބުނެ އެކަން ސާބިތުކުރަން ހެކިވެރިންތަކެއް ކޯޓަށް ހުށަހަޅާފައެވެ. އަހްމަދު ސަމީމާއި އެއްކޮޅަށް ހެކިބަސް ދިން މީހުން ކޯޓުގައި ބުނީ އަހުމަދު ސަމީމް އެރޭ އުޅުނީ އެމީހުންނާއިއެކު ބެޑްރޫމް ސެޓެއް ރާވަން ކަމަށެވެ.

މިމައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވެފައިވަނީ ހާދިސާ ހިނގި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯ ކުރި ފޯނު ފުލުހުން ހުޅުވާފައި ވަނީ ފޯނުގެ ވެރިފަރާތުގެ ހުއްދަ އާއިއެކު ކަމަށް ވީނަމަވެސް އެކަން ކޮށްފައި ވަނީ ގަވައިދުގައި ބުނެފައިވާ ގޮތައް ނޫން ކަމަށެވެ. އެހެންކަމުން ވީޑިއޯ މިމައްސަލައިގެ ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ނިންމިއެވެ.

އޭގެ އިތުރުން ޑޮކްޓަރުގެ މެޑިކަލް ރިޕޯޓާއި ފުލުހުންގެ ކްރައިމް ސީން ރިޕޯޓްގައި ތަފާތުތަކެއް ހުރި ކަމަށް ބުނެ ހުކުމުގައި ވަނީ ސުވާލު އުފައްދާފައެވެ.