ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގައި، އާއްމުންގެ އަތުން ނެގި ފައިސާ ލޯންޑަރ ކުރި ކަމަށް ކުރާ ތުހުމަތުކަމަށް އޭނާ އިންކާރުކޮށްފިއެވެ.

ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުކޮށް ފުލުހުން ވަނީ ދޮޅުގަޑިއިރު ވަންދެން އަލްހާނާއި ސުވާލުކޮށްފައެވެ. ފުލުސް އޮފީހުން އަލްހާން ނިކުތް އިރު އެތަނުގައި ތިބި ނޫސްވެރިން ސުވާލު ކުރިނަމަވެސް އަލްހާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އަލްހާން ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާނަގާ މަނީލޯންޑަރ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް ކަނޑައެޅިގެން އިންކާރު ކޮށްފިން ކަމަށެވެ.

އަލްހާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށެވެ. އަލްހާންގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާގެ ކޮއްކޮ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހްބާން ފަހްމީގެ މައްޗަށް ވެސް ފުލުހުން ކުރެއެވެ. އޭނާ ވެސް ފުލުހަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފައެވެ.

އަލްހާން ހިންގަމުން ގެންދިޔަ ސްކީމާއި މެދު ސަމާލުވާން އެމްއެމްއޭ އިން އެންގީ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު އަލްހާންގެ ކުންފުނިން އިސްތިހާރުކުރި ގޮތައް އާމްދަނީ ލިބޭނެ ކަމަށް އުއްމީދުކޮށްގެން އޭނާގެ ކުންފުންޏަށް ފައިސާ ދީފައިވާ މީހުންގެ އަދަދު 2000 އަށް ވުރެ ގިނަ ކަމަށް ވެއެވެ.