ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް ކުރި ސިފައިންނާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.

މުޙައްމަދު ސަޢީދު ގެއްލުނީ އިތުރު މީހަކާއި އެކު ޑައިވިންއަށް ގޮސް އުޅެނިކޮށް މެއި މަހުގެ 02 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި މެއި 08 ވަނަ ދުވަހާއި ހަމައަށް ސިފައިން ކުރިއެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތައް އެއްވެސް ކުރިއެރުމެއް ނުލިބުމުން އެދުވަހު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ.

މިއަދު ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކުން ގެއްލުނު ޑައިވަރު ހޯދުމަށް މަސައްކަތް ކުރެއްވި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު ޓީމްގެ ޑައިވަރުންނާ މިނިސްޓަރ މާރިޔާ ބައްދަލު ކުރައްވާ، އެބޭކަލުންގެ ހިތްވަރަށް ރައީސް ސޯލިހްގެ ނަންފުޅުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވި ކަމަށެވެ.

މާރިޔާ ސިފައިންނާއި އެކު ބޭއްވި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސަރޗު) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައެވެ.

މުހައްމަދު ސައީދު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އަދި ކުރިއެރުމެއް ލިބިފައި ނެތް ނަމަވެސް އޭނާ ހޯދަން ޑައިވް ކުރި ސަރަހައްދުން ވަނީ އޭނާ މަސް ހިފަން ބޭނުންކުރި އާލާތަކާއި ޑައިވް ބެލްޓެއް ފެނިފައެވެ.

މުހައްމަދު ސައީދާއި އެކު އުމުރުން 19 އަހަރުގެ ޒުވާނަކު ވެސް ޑައިވް ކުރިއެވެ. އޭނާގެ ހާލު ސީރިއަސް ވެގެން މިހާރު ވެސް ފަރުވާ ދެމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދުކަ2

    ކޮމެންޓް އެއް ނުކުރާނަން އެއީ ނުވެރިކަން މިނިވަން ކަމުން ބައެއް މީހުންގެ ކޮމެންޓްތަށް ނުގެނެސްދޭތީ... ކަލޭ ކިޔާފީމެއްނު އެވަރުން ފުދޭ

  2. މަމެން

    85މީޓަރު ފުންމިނުގައި ޑައިވްކޮށް މީހަކު ހޯދަން އެ ކުރާ މަސައްކަތަކީ ވަރަށް ނުރަައްކާތެރި މަސައްކަތެކެވެ. ކޯސްޓުގާޑު ޑައިވަރުންނަށް ސެލިއުޓު ކުރަމެވެ.