މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މަޑުއްވަރީގެ މުއައްސަސާތަކުގެ މުވައްޒަފުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން ދިރިއުޅުމަށްކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު މިސެޝަންގައި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި ގެވެށި އަނިޔާ ލިބެމުންދާނަމަ އެކަން ސިއްރު ނުކުރުމަށާއި އެއްވެސް މީހަކަށް ގެވެށި އަނިޔާ ލިބެމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށްކުރާ އަނިޔާތަކާއި އަނިޔާ ލިބެމުންދާ ކުދިން ދެނެގަނެ އެފަދަ އަނިޔާތަކުން ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އަދި އެފަދަ ކަންކަން ސިއްރުނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.

މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން މެއި 17 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ރަށުގެ ހުރިހާ މުއައްސަސާއަކުން ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ.