ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑައަންހެން ކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އަންހެން ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖެއް ނަމަވެސް އެކުއްޖާ ހުންނަނީ ކުޑަކުދިންގެ ހިޔާގައި ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހު އެވެ. ނަމަވެސް އޭނާގެ މައްޗަށް ތުުހުމަތުކުރެވޭ ކުށްކުރި ކަމަށް ބާރު ލިބިދޭ ހެކި ހުށަހަޅާފައި ނެތުމާއި ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް އޭރު ކްރިމިނަލް ކޯޓުން ނިންމީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ނަމަވެސް ބަންދުން ދޫކޮށްލުމާއިއެކު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅިގެން އިތުރު ހެއްކާ އެކު ދެ ވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުން މި މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދިނެވެ.

އޭނާގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން އިއްޔެ އެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ކުޑަކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިކަން، ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެ އެވެ. އަދި އޭނާ އެ ކުއްޖާއާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށާއި އެ ކުއްޖާ ގޮވައިގެން މާލެއަށް އައިކަން ސީީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ކުއްޖާ "ފޮރުވައިގެން" ގެންގުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ވެސް ހައްޔަރު ކުރި މީހާގެ މައްޗަށް ފުލުހުން ކުރެއެވެ.