ދެކުނު އެފްރިކާގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ސެންޑިލް އެޑްވިން ޝޯކް އާއި މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދެވީ ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ސެންޑިލް އެޑްވިން ޝޯކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފަތްކޮޅު ރަސްމިއްޔާތައްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994 ވަނަ އަހަރުއެވެ.