މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ރަޝީދު "ވަގުތު" އަށް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އަލުން ފަށަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ދުވަހެއް އަދި ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ޕްލޭންގައި އޮތް ގޮތުން ނަމަ ފުރަތަމަ އޮތީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް. އެކަމަކު އަދި ނުނިންމާ ސީދާ އެ މަގުގެ މަސައްކަތް ކަމެއް ފުރަތަމަ ފަށާނީ." ރަޝީދު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަސައްކަތުގައި އިސްކަން ދޭނީ ހަލާކުވެފައި ހުރި ބޮޑެތި މަގުތައް މަރާމާތު ކުރުމަށް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އެންމެ ފަހުން ތަރައްގީ ކުރީ ހެންވޭރު އުތުރުގައި އޮންނަ ރޯޝަނީ މަގެވެ.

އެ މަގުގެ މަސައްކަތް ނިމުނު ފަހުން، އިތުރު މަގެއްގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ މަޝްރޫއު މަޑު ޖެހިފައި އޮތީ ސަރުކާރުން ބަޖެޓު ދޫ ނުކުރާތީއެވެ.

މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން ވެސް އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެއެވެ.

މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް އާރުޑީސީއާ ހަވާލު ކުރީ 462 މިލިއަން ރުފިޔާ އަށެވެ.

ރޯޝަނީ މަގު ތަރައްގީ ކުރުމަށް ފަހު، ދެން ނިންމާފައި އޮތީ ތިނެއް ނޫނީ ހަތަރު ދިމާލެއްގެ މަގުތައް އެއްކޮށް ފަށާ ގޮތަށެވެ. އޭގެ ތެރޭގައި ރޯޝަނީ މަގު ކައިރި ގޯޅިތަކާއި ޗާންދަނީ މަގާއި ނިކަގަސް މަގު ވެސް އޮތީ ތަރައްގީ ކުރާ ގޮތަށެވެ.