ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ގެކޮޅުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭންގައި ގާސިމްގެ ގެކޮޅުގެ ފާރުގައި ނޫ ކުލައިން "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ބައެއް މިނިސްޓަރުންގެ ގެކޮޅުގައި އާއި ބައެއް އިމާރާތް ބޭރުގައި "އިންޑިއާ އައުޓް" ޖަހާފައި ވެއެވެ. އަދި ބައެއް ތަންތަނަށް އިންޑިއާ އައުޓް ލިޔެފައި ހުރި ކަރުދާސްތައްވެސް އުކާލާފައި ވެއެވެ.

މިގޮތަށް އިންޑިއާ އައުޓް ލިޔަމުންދާ މައްސަލައިގައި އިއްޔެގެ ވަގުތެއްގައި މީހަކު ހައްޔަރުވެސް ކޮށްފައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލަމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ރައީސް ސޯލިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޔާސީ ޤަރާރަކުން ވަނީ ނިންމާފައެވެ. އެގަރާރަށްފަހު މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ރަށެއްގައި ވެސް އިންޑިއާ އާއި ދެކޮޅު ބެނާއެއް ދަމައިފިނަމަ ފުލުހުން ގޮސް ބެނާތައް ނަގައެވެ.

ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުމެއް ނެތި މިހާރު ވެސް ސިއްރުން ހިންގަމުންދެއެވެ.