އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ހޫދު މުހައްމަދު ޒާހިރުގެ މައްސަލައިގައި އޭނާއަށް ލިބެންޖެހޭ ލިޔުންތައް އެއްކޮށް ހަމަނުވުމާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް ޝަރީއަތުގެ އަޑުއެހުން ކުރިޔަށް ނުގެންގޮސް ނިންމާލަން ޖެހިއްޖެއެވެ.

ދިވެހި ފުލުހުންނާއި އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު މާލެއިންނެވެ.

ހޫދު ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި އިންޓަނެޓު މެދުވެރިކޮށް ނިރުބަވެރި ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއާއި އެފަދަ ޖަމާއަތަކަށް ތާއިދު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް، ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ލިޔެކިޔުންތައް ލިބިފައިވޭތޯ ސުވާލުކުރުމުން ހޫދުގެ ވަކީލު މަރިޔަމް ޝީނާ ވިދާޅުވީ، ހުރިހާ ލިޔެކިޔުމެއް ހަމަނުވާ ކަމަށެވެ.

ހޫދުގެ ފަރާތުން އޭނާގެ އާއިލާއިން މައްސަލަ ހަވާލު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަދި އާއިލާއިން ބައެއް ލިޔުންތައް ދީފައިވާ ނަމަވެސް، ލިޔުންތަކުގެ ތެރޭގައި ދައުވާ ފޯމު ނެތުމުން ދެން މަދުވަނީ ކޮން ލިޔުންތަކެއް ކަމެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ލިޔެކިޔުންތައް ހޯދަން ވަނީ އެދިފައެވެ.

ހޫދު ބުނީ އޭނާގެ އަތަށް ދީފައި ހުރި ލިޔުންތަކުގެ ތެރޭގައި ދައުވާ ފޯމު ހިމެނުނަސް، ފުލުހުންގެ ބައެއް ރިޕޯޓުތައް ލިޔުންތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

އެއަށްފަހު ޝަރީއަތުން ވަނީ ދައުލަތުން ކޯޓާ ހިއްސާކޮށްފައިވާ ލިޔުންތަކުގެ ސެޓުގެ ކޮޕީއެއް ހޫދުގެ ވަކީލުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއިން ލިޔުމެއް މަދުވާ ނަމަ އެކަން ހިއްސާ ކުރުމުން އިދާރީ ގޮތުން ހަމަޖައްސާނެ ކަމަށާއި ވަރަށް ބައިވަރު ލިޔުންތައް މަދުވާ ނަމަ މައްސަލައިގައި ހިމެނޭ ވަކީލުން ގެނެސްގެން އިދާރީ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެއަށް ފަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ޝަރީއަތުން ބުންޏެވެ.

ޝަަރީއަތުގެ މަޖިލީހުގައި ލިޔުންތަކާ ބެހޭ ކަންކަން ކަށަވަރު ކުރަން ވަރަށް ގިނަ ވަގުތު ހޭދަވާނެތީ ޝަރީއަތުން ނިންމީ މިއަދު އޮތް އަޑުއެހުން އިތުރަށް ކުރިޔަށް ނުގެންދިޔުމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ.