ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

ކަނޑޫއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރު އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10،000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި، ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީ.އައި.އޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 77 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.

އެމްޓީސީސީން ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ޒަމާނީ ފެންވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ފުރިހަމަ ކޮށްފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއާއި ވަސީލަތްތައް ބިނާ ކުރުމުގައި އެކުންފުނިން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.