ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000 ރުފިޔާއާއި ހަމަޔަށް ޖޫރިމަނާ ކުރަން ނިންމާ އާ އުސޫލު އެކުލަވާލާ އަމަލު ކުރަން ފަށައިފިއެވެ.

ހައްޖުގެ އިތުރުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބައެއް ކުންފުނިތަކުން ފައިސާ ހޯދާފައިވާ މައްސަލަ މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

އެފަދަ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އާ އުސޫލުގައި ވަނީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އެ އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނާފައިވެއެވެ.

  • ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.
  • އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށްފިނަމަ 30،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރުން.
  • ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަގަގުން ޖޫރިމަނާ ކުރުން

އާ އުސޫލުގެ ދަށުން ހައްޖަށް މީހުންގެ ގެންދިއުމާއި ގުޅޭ ކަންކަން މޮނީޓަރުކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ޖެހެއެވެ.

މި އޮފީސް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖެއިން ޙައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް ހަދަންޖެހޭ އޮފީހެއްކަމަށް އުސޫލުގައިވެއެވެ.

މި އޮފީހުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުން ހިމެއެވެ.

މީގެ އިތުރުން ހައްޖު މިޝަން ހެދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުން، ހައްޖުވުމަށް ސައުދީ އަށް ގޮސް ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭން ޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުން، ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި ހައްޖަށް ދާ މީހުންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ދޭތޯ ބެލުން، ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބޭ މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުން އަދި ހައްޖުވާން ގޮސް ހުރި މީހަކު ގެއްލި، ބަލިވެ، ނުވަތަ ނިޔާވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދީދީ

    ތިއޮންނާނީ ކަރުދާހުގައި ލިޔެފައި. އެއްކަމެއްވެސް ނުކުރެވޭނެ. ތިޔަކަހަލަ ކިތަންމެ އެއްޗެއް މިރާއްޖޭގައި ގާނޫނުގައި ލިޔެ ގަވާއިދުގައި އެބަހުރި. އެހުރިހާ ގާނޫނަކާއި ގަވާއިދަކާއި ހުންނާނީ ނިކަމެތި ރައްޔިތު މީހާއަށް. މަހުޖަނު ، ސީޔާސީ މީހާ، ސީޔާސީމީހާގެ ހިޔަނީގައި އުޅޭމީހާ އެމީހުންގެއާއިލާ އާއި ގާތް ރަހުމަތްތެރިން މިއީ މިރާއްޖޭގައި ތިހެން ހަދާފައި ހުންނަ ގާނޫނުތަށް ނުހިނގާނެމީހުން.
    މަސްތުވާތަކެތި އެތެރެކުރާމީހާ ބޭނުންކުރާމީހާ ހިފާހައްޔަރުކުރަނީ އެއެއްޗިއްސާއި އެކު އެކަމަކު ކޯޓަށް ގެންދިޔައމިމާ މިބުނަނީ ތިޔަ މައްސަލަ ނުބެލޭނެޔޭ އެވެނި މިވެނިކަމެކޭ އެންމެ ފަހުން ކުށްވެރިވާނީ ކޯޓަށް މައްސަލަ ފައިލްކުރުމަށް ފޯމްފުރިމީހާ.
    ވައްކަމެއްކޮށްގެން ސިޔާސީމީހަކު ނުވަތަ ސިޔާސީ ބާރުވެރިޔަކު ހައްޔަރުކޮށްފިއްޔާމު އެމީހާ ލޮލަށް ހޮނުއަޅާފާނެ، ގުދާރު ބިނދިދާނެ. ދެން މިޖެހެނީ ދައުލަތުގެ ހަރަދުގައި އެމީހަކު ބޭސްފަރުވާއަށް ބޭރަށް ގެންދަން ނުވަތަ މާލޭގެ ޑަކްޓަރަކަށްދައްކަން، އެހިސާބުން އޭނާގެ ޖަލުހުކުމް އަނބިން ފިރިންގާތަށް ގެއަށް ބަދަލުކުރެވިގެންދާނެ.
    މިއީ މިރާއްޖޭގެ އަދުލާއި އިންސާފު އޮތްގޮތް. ރޯދަމަހު އެދައްކާ މުހައްމަދުރަސޫލުﷲ ފިލްމުން ފެންނަ ގޮތުން ސަދޫމުގައިވެސް އޮތީ މިބާވަތުގެ ޝަރުއީ ނިޒާމެއް.

  2. Anonymous

    މީހަކު ބުނެފަ އެބައޮތް އެއްވަން ބޭނުމިއްޔާ ހައްޖައްދާށޭ. ފިޔަވަޅު އެޅޭނެބާ؟

  3. އުމްރާ

    އުމުރާ އައްދާން ނަގާ ލާރިން ވައްކަން ކޮށްފިއްޔާ؟؟؟؟

  4. މޯޑް

    އެހެންވީމާ، ސަރުކާރުވެސް ޖޫރިމަނާ ކުރަންއެބަޖެހޭ އެއީ ޕެންޝަން ފަންޑުން ޙައްޖައް ދިއުމަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވެފަ އެކަން ނުކޮށް ފަންޑުގައި ހުރިފައިސާ ހިފަހައްޓާތީ