މާލޭގެ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުން ދިޔަ އުމުރުން އެންމެ ހަތަރު އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ސުކޫލުގެ މަސައްކަތު މީހާގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމާއި ގުޅިގެން އެ ނިންމުން މުރާޖައާކޮށްދޭން އެކުއްޖާގެ އާއިލާއިން އެދިއްޖެއެވެ.

އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ކުޑަކުއްޖާ ވަނީ ސުކޫލުން އެނބުރި ގެޔަށް ދިޔުމަށް ފަހު ދެއްކި ވާހަކަތަކަށް ބަލައި ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރީ ސްކޫލްގެ މަސައްކަތު މީހަކަށެވެ.

އެ ކުއްޖާއަށް ސުކޫލު ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސުކޫލުގައި މަސައްކަތް ކުރި 63 އަހަރުގެ އަންހެނެކެވެ. އެ މައްސަލައިގާ އެ އަންހެން މީހާ ހައްޔަރުކުރި ނަމަވެސް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ދައުލަތުގެ ފަރާތުން އެންގުމުން ޖެހިގެން އައި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލަ ފައިލް ކުރިކަން އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ އަށް ވަނަ ދުވަހު ވަނީ އެ ސުކޫލަށް އަންގާފައެވެ. މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގުގައި އެއްވެސް ކަމެއް ފާހަގަ ނުކުރެވުމާއި ގުޅިގެން ފުލުހުން ވަނީ އެކަށިގެންވާ ހެކި ނުލިބުނު ކަމަށް ނިންމާފައެވެ. އަދި ތަހުގީގަށް ބަލާ ދައުލަތުން ނިންމާފައިވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

އެ ހާދިސާ ހިނގި ދުވަސްވަރު އެ ސުކޫލުގައި ކެމެރާ ހަރުކޮށްފައެއް ނުވެއެވެ. އެ ކުއްޖާ އުމުރުން ހަގު ވުމުގެ ސަބަބުން ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ "ޓޮއިލެޓް ދައްތަ" ކަމަށް އެކުއްޖާ ވަނީ ބުނެފައެވެ.

އެކުއްޖާގެ މައިންބަފައިންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫލުން ބަޔާން ނެރެފައިވަނީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކަމަށާއި އެ މައްސަލަ ރިޕޯޓު ކުރުމުން ސުކޫލުން އެންމެ އެކަށޭނެ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

ހަމައެހެންމެ ހާދިސާއާއި ގުޅިގެން ސުކޫލުން ކުރި މަސައްކަތުގެ މައުލޫމާތު ހާމަ ކުރުމަށްވެސް އާއިލާއިން ވަނީ ގޮވާލާފައެވެ. އާއިލާއިން ވަނީ ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި މިއަދާ ހަމައަށް ވެސް ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

"މި ހާދިސާއާ ގުޅިގެން ވަކި މީހަކަށް ޖިނާއީ ދައުވާ އެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުން ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން. އެކަމުން ދޭހަވަނީ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން. އެއީ އެެއްވެސް ހާލަތެއްގައި ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލު މި ހާދިސާގައި ނެތްކަން ނުވަތަ ސަކޫލުގެ މުވައްޒަފެއްގެ ބައިވެރިވުން ނެތްކަން ދަލީލުކޮށްދޭ ކަމެއް ނޫން،" އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސުކޫލުން، ސުކޫލުގެ ޒިންމާ އަދާކޮށްފައިނުވާ ކަމަށާއި އެފަދަ އަނިޔާއެއް ދީފައިވާ މުވައްޒަފަކާއިމެދު ކަންބޮޑުވުން ނެތް ކަމަށް ސުކޫލުން ނިންމުމަކީ އެފަދަ ހާދިސާއެއް ތަކުރާރުވުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވެސް ކުއްޖާގެ އާއިލާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ދެފުންފެނަ ޒީރޯ ޓޮލަރަންސް ސަރުކާރު.

  2. ޑރ. ޝިފްޒާ ލަތީފް

    އެހެން ބެލެނިވެރިން ހަނު ނުތިއްބަވާ! މިއަދު މި ދަރިފުޅު ، މާދަން އެއީ ތިބާގެ ދަރިފުޅު ކަމަށް ވެސް ވެދާނެ. މި ކުއްޖާ ނަމަ ޖިންސީ އަނިޔާ ލިބި ފުރާނަ ސަލާމަތުން މައިންބަފައިން ނާ ހަމަޔަށް ފޯރައިފިތާ، މާދަން ތިބާގެ ދަރިފުޅު ޖިންސީ އނިޔާ ކޮށްފަ ސްކޫލް ފާހާނަ ތެރޭ މަރާލާފަ ވެސް އޮވެދާނެ، މުޖުރިިމު މީހާ ކުއް ކޮށްފަ ނިމެ ވަގުތު ޝައިތާނާ އޭނަ ބިރުގަންނުވާނެ އެހެން ފުރާނަ އެއްދުއްވާލައިގެން ވިއަސް ސަލަމާތް ވުމުގެ ވަސްވާސް ދީގެން، ނޫފޫޒު ބޭނުން ކޮށްގެން ވިކްޓިމް އަށް އިންސާފު ނުލިބި ނުހޯދި ދާނަމަ މިކަހަލަ އެތަކެއް ހާދިސާ ތައް އާއްމުވެގެން ދާނެ! ވިސްނަވާ!!

  3. ވަހުތާން

    ރޭގަނޑު ބަޔާން ނެރުނީ ކޯޓްތަކުން ރޭގަނޑު އަމުރުނެރޭތީ ދެއްތޯ؟

    2
    1
  4. ކީކޭ

    އާއިލާއިން އެބަބުނޭ ދަޢުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފަ ނެތްކަމޭ، ދެން ކީއްކުރަންތޯ ސާބިތު ނުކުރެވޭ ކަމެއްގައި އަނެއްކާ މީހަކު ހައްޔަރު ކުރަން ތިއުޅެނީ. ކީކޭތަ ތި ކިޔަނީ

    1
    1