ރާއްޖޭގެ ހަތް ހޮސްޕިޓަލެއްގެ ޑޮކްޓަރުންގެ ތެރެއިން ކަނޑައަޅާފައިވާ ހާއްސަ ދާއިރާތަކަކުން ސްޕެޝަލައިޒްވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ހުޅުވާލީ، ކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ ކަމަށެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް 15 ސްކޮލާޝިޕް ފުރުސަތަށް މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އެ މުއްދަތުގައި 10 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާއިރު އޭގެ ތެރެއިން ސްކޮލަޝިޕްގެ ފުރުޞަތު ލިބުނީ 5 ފަރާތަކަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ އަލުން ހުޅުވާލި ފުރުސަތުގެ ދަށުން އެކި ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފަސް ހޮސްޕިޓަލަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ

އެއީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އެއް ޖާގަ، ހުޅުމާލޭ ހޮސްޕިޓަލަށް ދެ ޖާގަ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތިން ޖާގަ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ތިން ޖާގަ، އަދި ރ. އުނގޫފާރު ހޮސްޕިޓަލަށް އެއް ޖާގައެވެ.

ސްޕެޝަލައިޒްވުމަށް ހުޅުވާލި ދާއިރާތަކަކީ:

  • - އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް - އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ
  • - ހުޅުމާލޭ ހޮސްޕިޓަލް - ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ
    - ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ޕީޑިއޭޓްރިކް ނިއުރޮލޮޖީ، ނެފްރޮލޮޖީ
    - ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް - ނިއޯނޭޓޮލޮޖީ، ޕަލްމޮނޮލޮޖީ، ނެފްރޮލޮޖީ
    - ރ. އުނގޫފާރު ހޮސްޕިޓަލް - އެންޑޯކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް

މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްތައް އުފެއްދި މައިގަނޑު ވިސްނުމަކީ މީހުން ބިނާކުރުން ކަމަށާއި އަދި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދުން ކަމަށެވެ.

އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް ނިންމީ އެ ޑޮކްޓަރުންގެ ހިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށް ބުންޏެވެ.

އެ ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޮލަޝިލްތަކުގައި ކިޔަވަން ފުރުސަތު ލިބޭ ގައުމުތަކަކީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިސްރު، ސައުތު އެފްރިކާ، އަލްޖީރިއާ އަދި ފިޖީ އެވެ.

ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތު ހެލްތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އާއި 3026947 އަދި 3026966 ނަންބަރުން ލިބޭނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިދސްމާލް

    މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު، 252 ދަރިވަރުން ވަނީ ލޯނު ހޯދަން އެދިފަ އެވެ. އެހެންވެ، 240 ދަރިވަރުން ޑިސްކޮލިފައިވި އެވެ. އެމްބީބީއެސް ހަދަން ހުޅުވާލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލުމުން އެ ކެޓަގަރީން 104 ދަރިވަރުން ވަނީ ޑިސްކޮލިފައިވި އެވެ.

  2. ސްޕައިޑާ

    ހިތުގެ ސާޖަންއެއް އެދިޔައީ ކިޔަވާގެން އައިސް މި ދިވެހި ރާއްޖެއިން ވަޒީފާ ނުލިބިގެން އަބުރާ ކިޔެވި ޤައުމަށް. އޮނިގަޑުގަ ނެތޯ ދޭނެ ވަޒީފާއެއް ކިޔާފަ 1 އަހަރު ދުވަސްވަންދެން މަޑުކުރަން ސަރުކާރުން އެންގީ.