ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ފުލުހަކު އިންޒާރު ދިން މައްސަލަ ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެދިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިނގާލުން ކަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިންނަށް އެސްއޯ ފުލުހެއް ކަމަށްވާ ސޯލިހް އިންޒާރު ދިނީ ރޭ އަލިކިލެގެފާނު މަގާއި މަޖީދީމަގު ގުޅޭ ކަންމަތިންނެވެ.

ސޯލިހް ނޫސްވެރިންނަށް އިންޒާރުދިން އިރު އެތަނުގައި ހުރި "ވޮއިސް"ގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު ހުސެއިން "ވަގުތު" އަށް ވިދާޅުވީ ސޯލިހް ނޫސްވެރިންނަށް އިންޒާރުދިނީ ނޫސްވެރިން ޕޭމަންޓް މަތީގައި ތިއްބައެވެ.

"ހިނގާލުން ކަވަރު ކުރަން ތިބި ނޫސްވެރިންނަށް އޭނާ އިންޒާރު ދިނީ ކަލޭމެންނަށް ހޭއަރުވާލާނަމޭ ބުނެ. ނޫސްވެރިން އޭނާ އާއި ދިމާއަށް އެއްވެސް އެއްޗެއް ބުނެގެންނެއް ނޫން އިންޒާރު ދިނީކީ. ނޫސްވެރިން ތިބީ ވެސް ޕޭމަންޓް މަތީގައި. އިންޒާރުދިނީ ހިނގާލުން ކަވަރު ކުރާތީ ކަމަށް ބެލެވެނީ." ޝަފްރާޒް ވިދާޅުވިއެވެ.

ޝަފްރާޒް ވިދާޅުވީ ސޯލިހް ފުރަތަމަ ނޫސްވެރިންނަށް އިންޒާރު ދިނުމަށްފަހު ފުލުހުންގެ ވެހިކަލަށް އެރި ކަމަށާއި، ނަމަވެސް ކުޑަ ވަގުތުކޮޅެއް ފަހުން އަނެއްކާ އެނބުރި އައިސްވެސް ނޫސްވެރިންނަށް އިންޒާރުދިން ކަމަށެވެ. "ފަހުން އައިސްވެ އިންޒާރުދިން ކަލޭމެން ނުފުއްޕާށޭ ހޭއަރުވާލާނަމޭ ކިޔާފައި." ޝަފްރާޒް ވިދާޅުވިއެވެ.

ސޯލިހް ނޫސްވެރިންނަށް އިންޒާރުދިން އިރު އެތަނުގައި ވޮއިސްގެ އިތުރުން ޗެނަލް-13 ގައި މަސައްކަތް ކުރާ ނޫސްވެރިން ވެސް ތިއްބެވެ.

އެކަމާއި ގުޅިގެން މީޑިއާ ކައުންސިލުން ބުނީ، ރޭ މާލޭގެ މަގުމަތީގައި ކުރިއަށް ގެންޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު އިންޒާރު ދީފައިވާ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަން ކައުންސިލްގެ ސަމާލުކަަމަށް އައިސްފައިވާ ކަމަަށެވެ.

"މި މައްސަލަ ބައްލަވައިދެއްވައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ކައުންސިލާއި ހިއްސާ ކޮށްދިނުމަށް ކައުންސިލުން މިހާރު ވަނީ ފުލުހަށް ސިޓީ ފޮނުވާފައި". އެމްއެމްސީ ކުރި ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ސޯލިހު ކިޔާ މީހުންނަށް ހަމަ ހަޖަމުނުވަނީ

    4
    1
  2. ޅިޔަނުބެ

    ސޯލިހު ކިޔާ މީހުން ހާދަ ގޯހޭދޯ!

    4
    1
  3. މާބަ

    ސޯލިހު ކީމަ މީނަހީކުރީ މަށަށްވެސް މިނިކާރާއްޖޭގެ ވެރިކަން ލިބޭނެކަމަށްތަ ސޯލިހުކޮޔާދެމީހަކު މިގައުމުގެ ރަށްޔަތުން ހަލާކު ނުކުރޭ.

    2
    1
  4. ބުރުމާ

    ނޫސްވެރިއަކަސް މުޒާހިރާ ކަވަރުކުރުމަށް ހަރަކާތްތެރިވާނަމަ ނޫސްވެރިއެއްކަން އިނގޭނެ ފާސްއަޅާފަ ހުންނަންޖޭ ފާސްނާޅާ ހަރަކާތްތެރިވަނިކޮށް ޕޭމަންޓްމަތީ މަޑުކުރުމަށް އެންގުމަކީ ހޭއަރުވާލާނެކަމަށް ބުނުމެއްނޫ. ނޫސްވެރިންވެސް ހިތްހަމަނުޖެހޭ ކޮންމެފަހަރަކު އަނެކުންގެ ފޮޓޯޖަހާ ހެދުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް.

    2
    1