ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނި ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4954.91 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 14،301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 242 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓިސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.