ސިޔާސީ ޕާޓީތަކަށް އަލަށް ވަންނަ މީހުންނާއި އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވާ މީހުންގެ މައުލޫމާތު ހާމަކުރަން އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކުރި ގޮތުގައި ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރަން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތައްކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިގޮތުން ކޮމިޝަނުން ކަނޑައެޅި އުސޫލުގެ ދަށުން ފޯމުގައިވާ މައުލޫމާތުގެ ތެރެއިން މީހެއްގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރު ކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭ ގޮތަށް މީހުންގެ މައުލޫމާތު އާންމުކުރަން ވަނީ ފަށާފައެވެ.

މީހުންގެ މައުލޫމާތު ޝަކުވާއަށް ހުޅުވާލާ އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި ހިމަނާފައިވާއިރު ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ މީހުންގެ މޯބައިލް ނަންބަރަށް މެސެޖުދާ ގޮތަށް ވެސް ވަނީ އިންތިޒާމްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ނިންމާފައިވަނީ މީހުންނަށް ނޭނގޭ ގޮތަށް އެމީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ބަދަލުކުރަމުންދާ ކަމުގެ ޝަކުވާތަކެއް ލިބުމާއި ގުޅިގެންނެވެ. އެގޮތުން ބައެއް މީހުންނަށް ނޭނގި ޕާޓީތަކުގައި ވަނީ ރަޖިސްޓްރީ ވެފައެވެ.

މިހާރު ކޮމިޝަނުން އަމަލުކުރަމުންދާ އާ ގަވާއިދާއެކު ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް މޭ، 29 އިގެ މެންދުރު ފަހުގެ 3:00 ގެ ކުރީން ކޮމިޝަނުގެ މައި އިދާރާއަށް ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް، [email protected] އަށް ފޯމު ފޮނުވައިގެން ސާފު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ދިސް އިޒް ގްރޭޓް ނިއުސް. ނޭނގި ހުއްޓަ 3 ފަހަރު ޕާޓީތަކަށް ލައިފި. އުންމީދަކީ ދެން އެހެން ނުވާނެ ކަމަށް

  2. ކޮރަލް

    ކުރިން ވަގައްވައްދާފަ ހުރި މީހުންނަށް ވެސް ފޯނުން މެސެޖް ފޮނުވަން ވީ އެވެ. ނޫނީ ކެންސަލް ކުރަން ވީ އެވެ.