ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ކ. މާބައިދޫ ކައުންސިލަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސް އާއި ހިއްޞާކުރައްވައި، މާބައިދޫގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންޖެހިފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލަ، ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް އާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން، ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމުގެ އިތުރުން ކައުންސިލް ޢިމާރާތް ގިނަ ދުވަސްވެ ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވި އެވެ. އަދި މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެ ބޭފުޅުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއްޔާ

    ރާއްޖޭގަ އަބަދުވެސް ކޮންމެ ވެރިކަމެއްގައިވެސް އެކަންކަން ގެންދަނީ އެހެން // ލާމަރުކަޒީ އަކީ އެއީބާ //

  2. ރައްޔިތު މީހާ

    ތިހެންވީއިރު ކޮލަމާފުށީ ބަދަރު ރައްޔިތުން އެދޭ ގޮތަށް ނިންމަދޭންވީނުން.ތިޔަހެންވެސް ރައީސްއާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާ ރައްޔިތުންގެ ތަސައްވުރު ރައީސްއާ ހިއްސާ ކޮށްލާނެހާ އުރައްޕެއްހުރި ކައުންސިލެއް ކޮލަމާފުށީގަނެތް.އެއެއްޗެއްގެ ނެތް ދިޔައެއް ކިތެންމެވަރަކަށް އުޅުނަސް ނުއެއް ނިކުންނާނެ.އެމީހުނަށް ކުރެވޭ ކަންތައް ކޮލަމާފުށީ ކައުންސިލް ފޭސްބުކް ޕޭޖް ބަލާލީމަ އިނގޭނެ.ރަނގަޅު ނިޔަތެއްގަ ކުރާކަމެއްނަމަ ސަރުކާރުންވެސް ވެއްޖެނުން ކައުންސިލަށް ކުރިމަތިލެވޭ މީހުންގެ ތައުލީމީ ފެންވަރެއްވެސް ކަނޑައަޅަން.