އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަށް މަތިކޮށްފައިވާ ޒިއްމާތައް އަދާކުރުމަށްޓަކައި ކައުންސިލްތަކަށް ލިބިދިފައިވާ ބާރުތައް ތަންފީޒު ކުރުމަށާއި ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ދތިތައް ޙައްލުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ޝިޔާމްގެ ޤަރާރުގައި ވިދާޅުވީ ގާނޫނީ ގޮތުން ބާރުވެރިކަން ލިބިދިފައިވީ ނަމަވެސް ވަކިން ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތްކުރުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމަށެވެ. މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން މުވައްޒަފުން ހޯދުމަށް އެދުމުން، އެކަންވެސް ނުކުރައްވާ، ރުކުރުވާލައިގެން މަސައްކަތްތައް ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާ ކަމަށެވެ.

ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ކައުންސިލުން ފޯރުކޮށްދެން ލާޒިމް ކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ނެގުމަށް ކައުންސިލްގައި މަޝްވަރާކޮށް ނިންމައިގެން ކައުންސިލުގެ އާމްދަނީން މުވައްޒަފުން ހޯދަން ސިވިލް ސާވިސް ކޮމިޝަންގައި އެދުމުންވެސް މުވައްޒަފުން ނެގުމުގެ ހުއްދަ ނުދޭކަމަށާއި ނަމަވެސް މިފަދަ ބައެއް ހުށަހެޅުންތަކަށް މިނިސްޓްރީ އޮފް ޕނޭންސްއިން ހުއްދަ ލިބޭތީއާއި، ކައުންސިލްތަކުގެ މަގާމްތައް އުފެއްދުމަށް ކުރާ ރިކުއެސްޓްތައް ސިވިލް ސަރވިސް ކޮމިޝަނުން އެޕްރޫވް ކުރުމަށް ތިން ހަފްތާ އާއި ފަސް ހަފްތާގެ މުއްދަތު ނަގާކަމަށާއި އަދިމި ހުއްދަ ލިބުމުން ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެއްމަސް ދުވަހުގެ މުއްދަތެއް ނަގާކަން ވެސް ޝިޔާމްގެ ޤަރާރުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކައުންސިލްތަކުގެ އޮނިގަނޑު 2021 ވަނަ އަހަރު އެލްޖީއޭ އިން ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް މިއަހަރު އަނެއްކާވެސް އޮނިގަނޑު ފޮނުވުމަށް އެންގުމާއި މިކަމުގެ ސަބަބުން ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން މަދުވެފައި ވާތީ އާއި ކައުންލްގެ ފަސް އަހަރުގެ ތެރެއިން އެއްއަހަރު ނިމިގެން ދިޔައިރު އޮނިގަނޑު ފާސްނުވުމާއި، ރަށްވެހި ޚިދުމަތް ދިނުން ހަރުދަނާ ކުރުމަށް މުވައްޒަފުން ނެގުމަށް ކައުންސިލްތަކުން ނިންމާފައިވާ ނިންމުންތައް ތަންފީޒުނުކުރެވުން ވެސް ޝިޔާމް ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި ނެތް ކަން ފާހަގަ ކޮށް މިހާރު ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ކަންކަމުގެ މައުލޫމާތު ކައުންސިލްތަކާ ހިއްސާ ނުކުރާ މައްސަލަ ވެސް އެ ގާރަރުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިހެން ވުމުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވެފައި ވާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ހުއްޓުމެއް އަންނަ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

ސަރުކާރަށް އަޣުލަބިއްޔަތު ނޯންނާތީ މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ދަތިތައް ކުރިމަތި ކުރަމުންދާ ކަމުގެ ޝަކުވާ ކައުންސިލުން އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.