ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު ޝާން ޝާކިރު ޖަރުމަނު ވިލާތުގެ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޖަރުމަނަށް މިހާރު ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ އަހުމަދު ލަތީފް (ސީވިޑް ލަތީފް) އެވެ. ނަމަވެސް ލަތީފްގެ ބަދަލުގައި ޝާން އެ މަގާމަށް ހަމަޖައްސަން ނިންމަވައި އެކަމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު އޮތީ ފޮނުއްވައިފަ އެވެ.

ރައީސްގެ އެދިވަޑައިގެންނެވުމާ އެއްގޮތަށް ޝާން ޖަރުމަނުގެ ސަފީރުގެ މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެެވެ. އަދި މަޖިލީހުގެ ތަޅުމުން މިއަދު ވަނީ އެ ނިންމުން ފާސްކޮށް ޝާންއަށް ރުހުން ދީފަ އެވެ.

ޝާން، ސަފީރުގެ މަގާމަށް އައްޔަނުކުރަން 29 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.

ޖަރުމަނުގެ ސަފީރުކަމަށް ޝާން ހަމަޖައްސަން ނިންމި އިރު އެ މަގާމުގައި މިހާރު ހުންނެވި ލަތީފް ދެން ބަދަލުކުރައްވަނީ ފޮރިން ސެކްރެޓަރީގެ މަގާމަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.