މިއަދު ހެނދުނުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އައިޖީއެމް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށާއި، އެކަމަށްޓަކާ ހިދުމަތް ހޯދަމުން އަންނަ އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން އައިޖީއެމްއެޗްގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއަރާފައިވާކަމަށެވެ. އެގޮތުން މެމޯ ހެެއްދުމާއި، ކައުންޓަރުން ދެމުންދާ އެހެނިހެން ބައެއް ހިދުމަތްތައް ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި މައްސަލައަކާއި ގުޅިގެން ބައެއް ހިދުމަތްތައް ވަނީ މެދުކެނޑިފައި. އޭގެ ތެރޭގައި މެމޯ ހެއްދުމާއި، ކައުންޓަރުން ދެމުންދާ އެހެނިހެެން ހިދުމަތްތައް ހިމެނޭ" އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން ކަމަށާއި، މައްސަލަ ހައްލުވިހާ އަވަހަކަށް ހުއްޓިފައިވާ ހިދުމަތް ފަށާނެ ކަމަށެވެ.

ރޭ ފަތިހު 04:00 ކަންހާއިރުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި އޮތުމަށް ފަހު މިއަދު ހެނދުނު 07:00 ކަންހާއިރު މުޅި މާލެ އިން ކަރަންޓް ކެނޑުނެވެ. ނަމަވެސް މިހާރު ގިނަ ސަރަހައްދުތަކަށް ކަރަންޓް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސ

    އަޅެފަހެ ޖެނަރޭޓަރެއް ނެތްތަ؟

  2. ކަނބުލޮ

    އިޢުލާނެއްތޯ؟

  3. ކަނދުރާ

    ކޮބާތަ އައިޖީއެމް އެޗް ގަ ބަހައްޓާފަ ހުރި ބޮޑު ބެކަޕް ޖަނެރޭޓަރ ސެޓް. ހުރިހާކަމެއް ބޮއްސުންލާފަ މިއޮތީ. މިކިބޫ ވެރިކަމުން ބޭރުކުރަންޖެހޭ އަވަހަށް