އަވައްޓެރި ސްރީލަންކާގެ ކުރީގެެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސަގެ އާއިލާއަށް ރާއްޖޭގައި ހިންގާ ސޮނެވާގެެ ރިސޯޓަކުން ވިލާއެއް ވިއްކަން އުޅޭކަމަށް ދެކެވޭ ވާހަކަތަކައް ސޮނެވާ ކުންފުނިން ދޮގުކޮށްފިއެވެ.

ސޮނެވާ އަދި ސޮނެވާ ފައުންޑޭޝަނުގެ ސީއީއޯ އަދި ކޯ-ފައުންޑަރ ސޯނޫ ޝިވަދާސަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސޮނޭވާގެ ރިސޯޓަކުން ވިލާއެއް ގަތުމަށް ކުރީގެ ބޮޑުވަޒީރު ރާޖްޕަކްސައާ އެކުންފުންޏާ ދެމެދު އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެެވެ. އަދި ލަންކާގެ ކުރީ ސަރުކާރަށް ނިސްބަތްވާ އެއްވެސް މެެންބަރަކު ވެސް ރާޖްޕަކްސާއަށް ވިލާ ގަތުމަށް ވާހަކަ ދައްކާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސޮނެވާގެެ ރިސޯޓަކުން ރާޖަޕަކްސަގެ އާއިލާއަށް ވިލާއެއެއް ގަތުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް "ދަ މޯލްޑިވްސް ޖާނަލް" ގައި އިއްޔެ ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ. ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް ރާއްޖެއިން ހިމާޔަތް ދޭނެ ކަމަށް ނަޝީދު އެއްބަސްވެފައިވާކަމަށް އެ ލިއުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ރިޕޯޓުގައި ބުނީ، 12 މިލިއަން ޑޮލަރު (185.1 މިލިއަން ރުފިޔާ)އަށް ރާޖަޕަކްސަގެ އާއިލާއަށް ވިލާއެއް ވިއްކަން، ނަޝީދާ ގާތްގުޅުމެއް އޮންނަ ސޮނެވާގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އެއްބަސްވެފައިވާ ކަމަށެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންފައި ވަނީ ބޭރުގެ ގައުމުތަކުން އެގައުމަށް އެހީތެރިކަން ހޯދައިދޭ މަންދޫބެއްގެ ގޮތުގައެވެ. ނަޝީދު މިހާރު ވަނީ އެ ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެެ.

މަޖިލީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ލަންކާގައި ނަޝީދު ކުރައްވާ މަސައްކަތަކީ އެ ގައުމަށް އެހީ ހޯދައިދިނުން ކަމަށާއި، އިތުރު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. މަޖިލީހުން ބުނީ އެ ގައުމަށް އެހީ ހޯދައިދިނުމަށް ނަޝީދަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. "ލަންކާގެ އެތެރޭގެ ކަންކަން ހައްލުކުރާނީ ލަންކާގެ ރައްޔިތުން،" މަޖިލީހުން ބުންޏެވެ.

ރާޖަޕަކްސަ އިސްތިއުފާ ދީފައި ވަނީ ގައުމު ބަނގުރޫޓުވުމުން ރައްޔިތުން ނިކުމެ ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވިފަހުން ރާޖަޕަކްސަ އާއި އޭނާގެ އާއިލާ ދިރިއުޅުއްވާ ތަނެއް ހާމައެއް ނުކުރެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ދިރިއުޅުއްވަނީ އާއިލާ އާއިއެކު އަސްކަރީ މަރުކަޒެއްގައެވެ.

ރާޖަޕަކްސަ އާއި އޭނާގެ އާއިލާ އިން ވެސް ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި އަދި ވިޔަފާރިވެރިންނާއި ވެސް ގާތް ގުޅުމެއް ބާއްވައެވެ. ރާޖަޕަކްސަގެ އެންމެ ގާތް ރާއްޖޭގެ ވިޔަފާރިވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އެދެބޭފުޅުން ވަރަށް ގިނައިން ބައްދަލު ވެސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލީފައިދާ

    އެމީހުން އަތުގަ ހުންނާނީ މިހާރު ވެލައެއް ގަންނާނެހާ ލާރި. ވިލާއެއް ނުގަނެވޭނެ.

    11
    1
  2. ނުގެގޮޑާ

    ކޮބާ މައްސަލަޔަކީ! ރާޖަޕަކްސާ ވީމަ ރާއްޖެއިން ވިލާއެއް ނުގަނެވެންޖެހޭ ސަބަބަކީ ކޮބާ؟ "ރެޑްނޯޓިސް" ނެރެގެން ހޯދާ ބައެއްނޫން އަދި، އިންޑިޔާއާއި، އެމެރިކާނުންގެ "ޓެރަރިސްޓް" ލިސްޓްގަ ތިބިބައެއްވެސް ނޫން، އެހެންނަމަތާ އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރު ބިރުން އުޅޭނީވެސް!

  3. ފަރުހާދު

    ލަންކާއަށް ފައިސާ ހޯދަން ނަޝީދު ހަވާލުވިފަހުން މިހާރު ރާއްޖޭގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނޯވޭ. 5 މިނިޓުން މަޖިލީސް ނިމޭ.