މަސްތުވާތަކެތީގެ މައްސަލަތާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ގިނަ ކުރަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ފަޒްނާ މިގޮތަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ މަންދޫބާ ބައްދަލުކުރައްވައި މެޑަމް ފަޒްނާ ވަނީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން "ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް" ގެ ނަމުގައި ވާޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންއަށް ފުރުސަތު ދެއްވާފައިވާތީ އެކަން ފާހަގަކުރެއްވާފައެވެ.

އެ ބައްދަލުވުމުގައި ދެފަރާތުން އިސްކަންދެއްވާ މުހިންމު ކަންކަމާއި ކުރިޔަށް އޮތްތާންގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

"ދިވެހި މުޖުތަމައުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން މުޤައްރަރުގައި މިކަންކަމާބެހޭ މަޢުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމަޢުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުން ވަރަށް މުހިންމު." މެޑަމް ފަޒްނާ ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި މަންދޫބު ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައެވެ.

އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ޙައްލުކޮށް ފިޔަވަޅު އެޅުމުގައި މެޑަމް ފަޒްނާއާއިއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާޅުކުރެއްވިއެވެ.

ޑަބްލިއުއެޗްއޯ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    މައުމޫނިޒަމްގެދުވަސްވަރު ހުރިހާމަދަރުސާއެއްގަ ތިޔަކަންކުރި ނަތީޖާވަރަށްސާފް! ދެންއިތުރަށް ތިޔަކަންފުރިހަމަކުރެވޭނީ އިންޑިއާސަރުކާރުގެދީލަތިއެހީގައި(ފައިސާދައްކާގޮތަށް) އެމީހުނާ ހަވާލުކޮށް ފުރިހަމަކޮންޓުރޯލު އެމީހުނަށްދެވުނީމަނޫންތޯ؟