ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތީގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ގާޑިޔާތަކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، މި ގާޑިޔާތައް މި ސަރަހައްދުގައި ގާއިމްކުރުމުގެ މަގްސަދަކީ، ސިއްހީގޮތުން ރައްކާތެރި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި އަށް ގާޑިޔާ ބަހައްޓާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މި ގާޑިޔާތައް ފަރުމާކުރެވިފައި ހުންނާނީ އެޗްޕީއޭގެ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭގޮތަށެވެ.

ދެ މޮޑަލްއަކަށް ބަހާލައިގެން ގާޑިޔާތައް ދޫކުރުމަށް އެޗްޑީސީން ނިންމާފައި ވެއެވެ. އެގޮތުން 4 ގާޑިޔާއެއް ކަޑައެޅިފައިވަނީ ހެދިކާ ގާޑިޔާތަކުގެ ގޮތުގައެވެ ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ގާޑިޔާތަކަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގާއިމްކުރާ ގާޑިޔާތަކެއް ކަމަށެވެ.

މީގެއިތުރުން، އަނެއް ހަތަރު ގާޑިޔާ ކަޑައެޅިފައިވަނީ ހެދިކާގެ ބަދަލުގައި ތައްޔާރީކާނާއާއި ލުއިބުއިންތައް ވިއްކާ ގޮތަށެވެ.

މި ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތައް ހުންނަންވާނީ އެޗްޕީއޭގެ ގައިޑްލައިނާއި އަދި އެޗްޑީސީގެ ފުޑް ވެންޑަރސް ގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަަމަށް އެޗްޑީސީން ބުނެފައި ވެއެވެ،

ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަކީ ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ސާފްތާހިރުކަން ވަރަށް މުހިއްމެވެ.

އެޗްޑީސީން ބުނ، މި ހުޅުވާލެވިގެންދާ ގާޑިޔާތަކުގެ ސަބަބުން މިކަމަށް ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ކޯޕަރޭޝަންގެ ފަރާތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނިޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއީން

    ދެން ތި ގާޑިޔާތައް ކުއްޔައްތަ ދޭނީ ؟ ނޫނީ ކޮރަޕްޝަނުން ގާތް މީހުންނަށް ބަހާލަނީތަ ؟