އައްޑޫސިޓީ، މަރަދޫ ދަނޑުގެ މައްސަލައިގެ ޒުވާނުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މަރަދޫ ފެށޭ ސަރަހައްދުގައި އޮންނަ ދަނޑަކީ މީގެ ކުރިން ވެސް ބޮޑެތި މުބާރާތްތައް ބާއްވާފައިވާ ދަނޑެކެވެ. އަދި ގިނަ ޒުވާނުން ކުޅެމުން ވެސް އައި ދަނޑެކެވެ. ނަމަވެސް އެތަނުގައި ފެންވަރު ރަނގަޅު ދަނޑެއް އެޅުމަށް ކަމަށް ބުނެ ސަރުކާރުން މަސައްކަތް ފަށައި ގިނަ އަހަރުތަކެއް ފާއިތުވެގެން ދާއިރު ވެސް ދަނޑުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާތީ ގިނަ ބަޔަކު މީގެ ކުރިން ވެސް ވަނީ ޝަކުވާ ކޮށްފައެވެ.

މަރަދޫން "ވަގުތަށް" މައުލޫމާތު ދިން ޒުވާނަކު ބުނީ، ގިނަ އަދަދެއްގެ ޒުވާނުން މުޒާހަރާ ކުރުމަށް ނިކުތީ ވަރަށް ގިނަ ދުވަހަށް މަޑު ކުރުމަށްފަހު ކަމަށާއި ސަރުކާރާއި މަރަދޫ ކައުންސިލަރުގެ އިތުރުން މަޖިލީހުގެ މެމްބަރުގެ ވެސް އެކަށީގެންވާ އެއްބާރުލުމެއް އެކަމަށް ލިބިފައި ނުވާ ކަމަށެވެ.

ޒުވާނާ ބުނީ، މަރަދޫ ފިޔަވައި ރާއްޖޭގެ ކޮންމެ ދިމާލެއްގެ ރަށަކަށް ބަލާލިނަމަވެސް ޓާފް ދަނޑެއް ނުވަތަ ފުޓްބޯޅަށް ދަނޑެއް ފެންނަ ކަމަށާއި ނަމަވެސް މަރަދޫގައި އެފަދަ ދަނޑެއް މިހާރަކު ނެތް ކަމަށެވެ.

"އޮތް ދަނޑު ވެސް އާ ދަނޑެއް ހަދަން ކަމަށް ބުނެ ހަލާކު ކޮށްލީ. ދަނޑު ނިންމަން ބުނާތީ ވީ ދުވަހެއް ނޭނގޭ. އަދި ވެސް މަސައްކަތް ކުރިއަށް ދަނީ"

އޭނާ ބުނީ، އެދަނޑުގެ މަސައްކަތް ކުރިއަށް ދާއިރު، ޒުވާނުން ކުޅެން ދަނީ އަވަށު އޮފީސް ކުރިމަތީ ކަހަލަ ގޮތަކަށް އޮންނަ ޕިޗަށް ކަމަށެވެ. ނަމަވެސް އެކަމުން ވެސް ބައެއް ކުޅުންތެރިންނަށް އުފަލެއް ނެތްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އެއީ ކުޑަ ކުޑަ ތަނެއް. ކޮޅަކަށް 5 މީހުން ކުޅެން ޖެހެނީ. މަރަދޫ އަކީ ފުޓްބޯޅައާއި ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިން ތިބި ތަނެއް. ގިނަ މީހުން ތިބެން ޖެހެނީ ޖާގަ ނުލިބިގެން ބޭރުގައި"

މީގެ އިތުރުން އޭނާ ބުނީ، ރަށުގެ މެދެއްހާ ހިސާބުގައި އޮންނަ ދަނޑެއްގައި ވެސް މީގެ ކުރިން ޒުވާނުން ކުޅެމުން އައި ކަމަށާއި ނަމަވެސް މިހާރު ވެސް އެތަނުގެ ބާރު ކައުންސިލުން ނެގުމުގެ ސަބަބުން އެތަނުގައި ވެސް ނުކުޅެވޭ ކަމަށެވެ.

"އެތަނުގައި އަޅުގަނޑުމެން އަމިއްލައަށް މާކަރީ ހަރުކޮށްގެން ރޭގަނޑު ކުޅެން އުޅުނީމަ ވެސް އެކަމެއް ނުކުރެވުނު. ކައުންސިލަރު އެކަމަށް ހުރަސް އެޅީ. ރައްޔިތުން ކުޅިވަރަށް ލޯބި ކުރާ ކައުންސިލަރަކު ހޮވީ ވަރަށް ފޮނި އުއްމީދާއި އެކީ"

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހޭ ބިން ސްޕޯރޓްސް

    ކެއްކޮތްލާއިގެން ތިބެ! ވޯލްޑު ކަޕް ކުޅެވޭ ޓާފު ދަނޑެއް ތިތާ އެޅޭތޯ ވަރަށް އަވަހަށް އެބަ ބަލަން

    5
    1
  2. ހާކާލަހާކާލާ

    މިއީ ދަޅަދައްކާ ބައެއް ބަރަވެލި ސްޕީޑު ފެނޭބާ

    7
    1
  3. މާމީ

    ކޮބާތޯ އިއްޒައްތެރި ނަންދީފަ ތިބޭ ބޮޑުމުސާރަ ނަގާގެން ކުރާނެ މަސައްކަތެއް ނެތިފަ ތިބޭ މީހުން މިކަހަލަކަމެއް ނުފެނޭތޯ؟؟؟

    6
    2
  4. Anonymous

    އާނ ދޯ. މަރަދޫ ނޫން އެހެން ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ދަނޑުތައް ހުރީ އަޅާފަ. ހިތަދޫގަވެސް 3 ދަނޑު އެބައޮތް. އަނެއްކާ މަރަދޫ ގޯދިއްޔާ ދަނޑަކީ އައްޑޫގެ ވަރަށް ބޮޑެތި މުބާރާތްތަކެއް ކުޅެމުން އައި ދަނޑެއް.

  5. ޟާނު

    ތިތާ ފުޓބޯލަ ޓީމެއްވެސް ހަމަނުވޭނުން