ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައި މިވަނީ އެކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އޭޕްރީލް މަހުގެ މެދުތެރޭގައި ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 09 ވަނަ ދުވަހު 13:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) އީމެއިލް ކުރުމުން ފޯމް ބަލައިގަންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައި ވުމާއިއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތައް

  1. - މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. - ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. - ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. - ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. - އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. - ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. - އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  8. - ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން

ހައިކޯޓުގެ ދެފަނޑިޔާރަކު މަގާމުން ދުރުކުރުމަށް މިހާރު ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިލިއަން

    މީގަ އަދި 1 ޝަރުޠު މަދު! 9 ވަނަ ޝަރުޠަކީ، 9. މި ސަރުކާރުން ބުނާހާ ގޮތަކަށް ޙުކުމްތައް ލިޔެ ނެރޭނެ މީހަކު ކަމުގައިވުން.

  2. މޯޑް

    ވަރަށް ރަނގަޅު. ސިޔާސީ ނޫން މީހެއް ލާންވާނީ މިފަހަރު ހައި ކޯޓަށް…

    1
    1
  3. ހުސް

    ތިޔައީ ދީބާނާޒް ފަހުމީއަށް އޮތް މާގާމެކޭ ކިޔާ އަޑުއިވޭ

  4. އާޅި

    ކޮންމެމީހަކަށްވެސްކުރިމަތިލެވޭނެ ބޭކާރުވާހަކަނުދައްކާ (ހުސް)