މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ. އަތޮޅުގެ ދެ ރަށެއްގައި އޮޕަރޭޝަންތަކެއް ހިންގައިފި އެވެ.

ފުލުހުން ވިދާޅުވީ ކުޑަހުވަދޫގައި އެ ރަށަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް މައުލޫމާތު ލިބިގެން މި މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަނުގައި 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީކޮތަޅެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

އެ އަތޮޅު މާއެނބޫދޫގައި ވެސް މި މަހު 25 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި ހުރި ފޮށިގަނޑެއް ބަލަައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މާއެނބޫދޫ ޕޮލިސް ޑެސްކާއި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު