އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގައި ކުރިޔަށް ގެންދާ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިމިއްޖެއެވެ.

އިންޑިއާގެ މަނަވަރު ސުތްލެޖް (އައިއެންއެސް ސުތްލެޖް) ގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔަ ސާވޭ ނިންމާލާފައިވަނީ އިއްޔެއެވެ.

ހައިޑްރޮގްރެފިކް ސާވޭގެ ދަށުން ރާއްޖޭގެ އުތުރާއި، މާލެ ސަރަހައްދުގައި ވަނީ ސާވޭ ކޮށްފައެވެ. މާލޭ ސަރަހައްދުގައި ސާވޭ ކޮށްފައި ވަނީ ތިލަފުއްޓާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ޕޯޓް ހިމެނޭ ސަރަހައްދެވެ.

މި ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާއިރު އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފައެވެ. މި މަނަވަރުން ވަނީ މާލެ ސަރަހައްދުގެ 10 ތަނަކާއި އުތުރުގެ ހަތަރު ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ހަދާފައެވެ.

މި ސާވޭގެ ސަބަބުން ސީދާކަމާއެކު ކަނޑުގެއޮޔަށް އަންނަ ބަދަލުތައް ލަފާކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް އިންޑިއާއިން ބުނެއެވެ. އެގޮތުން ފުނަދޫ، ކަނޑިތީމު އަދި މަކުނުދޫގެ އިތުރުން، ތިލަފުށި އަދި ހުޅުމާލެއަށް ކަނޑުގެ އޮޔަށް އާ ބެންޗްމާކްތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ސަބަބުން ސީދާކަމާއިއެކު ޓައިޑަލް ރީޑިންސް އަދި ޕްރިޑިކްޝަން ނެގުމަށް މަގުފަހިވެގެންދާނެއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މި ސާވޭގެ ސަބަބުން ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓް ނުވަތަ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ ނޫ އިގްތިސާދަށް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ދެވަނަ ޖޮއިންޓް ސާވޭގެ ސަބަބުން އިތުރު ޗާޓްތައް އުފެއްދުމަށް އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެމްބަސީން ވަނީ ބުނެފައެވެ. ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗު މަހުގެ ތެރޭގައެވެ.

ހައިޑްރޮގްރެފިކް ސާވޭ ހެދުމަށް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކެއް ހުރިކަން ފާޙަގަކޮށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފަދަ އެތައް އެއްބަސްވުންތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އިންޑިއާގެ ނުފޫޒާއި ދެކޮޅަށް ބޮޑު ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ޗީފް ހާދަ ބިރުން ތިހުންނެވީ؟

  2. ޑެޑުއހފޯސް

    ރާއްޖޭގެ މަސްވެރިކަން ލޫޓުވާލަނީ

  3. ޑައެލޯގް

    މުޅިރާއްޖެ އެއްކޮށް ޖާސޫސްކޮށް އަޅުވެތިވެ ނިމުނީއެވެ. ދެން ތިޔަ އިންޑިޔާ ސިފައިން ބޭލޭނެ ވެރިޔަކަށް މަގޭ ރާޑަރަށް އަރަނީ ޔާމީން އެކަންޏެވެ. އެއީ ގަޓްރައީސްއެވެ.

  4. Anonymous

    މި ސަރުކާރުން ވިދާޅުވާ ކޮންމެ ބަހެއްގެ ދޭތަރައަށް ''އިންޑިއާ'' ނުލައި ހަމަ ނުބުނެވެނީސް ހެއްޔަވެ