ނ. ކެނދިކުޅުދޫގައި ފޭރުމާއި ވައްކަން އިތުރުވެ ރައްޔިތުން އުތުރި އަރައި ވަގުން ހޯދަން ނުކުތުމުން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް “ވަގުތު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނަވެ އަދި ބިރު ދައްކައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަތަކަށް ހައްލެއް ނުލިބިގެން ރައްޔިތުން ރޭ ނުކުމު ވަގުންކަމަށް ބެލެވޭ މީހުން ހޯދައިގެން ކައުންސިލާ ހަވާލުކުރި ކަމަށެވެ.

އެގޮތުން ފަސް މީހަކު ކައުންސިލާ ހަވާލުކުރި ކަމަށާއި އަދި އޭގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކުރި މީހާއަކީ ވަރަށް ފަހުން ލައްކައަަކަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައި އެކަމަށް އެއްބަސްވެފައިވާ މީހެއް ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ރައޫފް ވިދާޅުވީ ވައްކަމުގެ މައްސަލަތަކާ ގުޅެނީ މަސްތުވާތަކެތީގެ ކަންކަން ކަމަށެވެ.

"ރޭ ރައްޔިތުން އެއްވީ ނުވަގަޑި ބައިކަންހާ އިރު. ތިނެއް ޖަހަން ދެން ކައުންސިލް ދޮށުގައި ރައްޔިތުން އެއްވެ އުޅުނު" ރައޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމީލް

    ޕޮލިސްޓޭޝަން ނަހަދާ 5 މީހުން ލައިގެން ސައިކަލު ދުއްވާހެދޭތީވެ ޕޮލިހުން މުހިންމުނޫންވެތިބި ބައެއްތީ.

  2. ބޭސް ފަރުވާ ކަނޑާލާ

    ރައްޔިތުން އުތުރި އެރިޔަސް ތުޙުމަތު ކުރެވޭ އެކަށީގެންވާ ސަބަބެއް ނެތި ފުލުހުންނަށް މީހުން ހައްޔަރެއް ނުކުރެވޭނެ. އަދި ހައްޔަރު ކުރިޔަސް ކޯޓުން މުއްދަތެއް ވެސް ނުދޭނެ. ދެން ހަމަ ދޫކޮށްލަން ޖެހޭނީ.

  3. އަލީ

    ފެއިލްވެފައިވާ އަދުލު އިންސާފެއް މިއޮތީ.