މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.

ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އާސަހަރާގައި ބައެއް މަހާނަތަކުގައި ގާފޮޅު ރާނާ މުށިޖައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށް އެކަން ވިޔަފާރިއަކަށް ހަދައިގެން ބައެއް މީހުން ކުރަމުންދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އާސަހަރާގެ ގާފޮޅު ބިނާކޮށްފައިވާއިރު އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް، އެ މީހުންގެ އާއިލާ މީހާގެ މަހާނަ ޒީނަތްތެރިކުރަން އޮފާތަކެއްވެސް އެތަނުގައި އުޅޭ ބަޔަކު ހުށަހަޅަމުންދާ ކަމަށް އެ މީހުން ބުނެ އެވެ.

އެކަން ކޮށްދޭ މީހުން އެކަމަށް އެކި ޕެކޭޖުތައް ވެސް ވަނީ ހަދާފައެވެ.

އެގޮތުން އާދައިގެ ގޮތަކަށް، ރާނައިދޭ ނަމަ އެކަން ކޮށްދެނީ 1،500ރ. އަށެވެ. މޮޅު ފެންވަރަށް މުށި ޖަހައިގެން ނަމަ 3،500ރ. އަށެވެ. މަހާނަ އަށް ވެލި އަޅައިދެނީ 300ރ. އަށެވެ. މި ނޫންސް އަދިވެސް ބައެއް ޕެކޭޖުތައް ހަދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލުބެ

    އޭސީ އެއްވެސް ހަރުކުރިނަމަ ފިނިވާނެތާދޯ؟

  2. ސަންފަ

    މަހާނަތޯ ޒީނަތްތެތި ކުރަންވީ އެމީހުންގެ ނަމުގައި ޞަދަޤާތްދީ ހެޔޮ ދުޢާ ނޫންބާ ކުރަންވީ.

  3. އުގުރި

    އިސްލާމިކް މިނިސްޓްރީއޭ ބުނީމަ އަންނަނީ ހިނި ... ހާދަ ކަންތައްތަކެއް ކުރެވޭނެޔޭ އެކަމަކު ނުކުރެވޭ ހަމަ ތިބެނީ...