މިފެށޭ ޖޫން މަހުން ފެށިގެން މާލޭގެ ގޭބިސީތަކުން ނެރޭ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށާއި، މީގެ ކުރިން އެ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ވެމްކޯގެ މުވައްޒަފުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު ޝައުނާ ވިދާޅުވީ، 1992 ވަނަ އަހަރުން ފެށިގެން މާލޭގައި އަދި ރާއްޖޭގެ އެހެން ތަންތަނުގައި އުފެދޭ ކުނީގެ ވެސް ބޮޑު ބައެއް އަޅަމުން ދިޔައީ ކ. ތިލަފުއްޓަށް ކަމަށެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެތައް ކުންޏެއް އަޅަމުން ދިއުމުގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކާއި މެދު ވިސްނާ، ކުނީގެ މައްސަލަތައް ހައްލުކުރުމުމަށް އެ މިނިސްޓްރީ އަދި ވެމްކޯ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، މާލޭގައި އުފެދޭ ޕްލާސްޓިކް ކުންޏާއި، ޑަސްބިން ކުންނާއި، ކޮންސްޓްރަކްޝަން ކުނި އަދި ޓޮކްސިކް ކުނި ސެގްރިގޭޓްކުރެވޭނެ އިންތިޒާމް ތިލަފުށި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާއެކު ގާއިމްކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް ކުނި ވަކިކުރަމުން ދިޔައީ ތިލަފުށީގައި މަސައްކަތް ކުރަމުންދާ ވެމްކޯގެ މުވައްޒަފުންގެ އަތުން ކަމަށް ޝައުނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ، ދާދި ފަހުން ލިބުނު މެޝިނަރީސްތަކުގެ އެހީގައި މިހާރު އެކުނިތައް ބަހައްޓަނީ ވަކިކޮށްފައި ކަމަށާއި، އެ މަސައްކަތް އަންނަ މަހު ވޭސްޓު މެނޭޖްމެންޓު ޕްލާންޓުގެ މަސައްކަތް ނިމެންދެން ކުރަން ޖެހޭ ކަމަށެވެ.

"މިއީ އެކަމުގަ ހޭދަކުރަން ޖެހޭޭ ވަގުތުވެސް ވަރަށް އިތުރުވާކަމެއް. އިންސާނެއްގެ ހައިސިއްޔަތުން ވިސްނާލައިފި ނަމަ އަޅުގަނޑުމެން އެންމެން އުފައްދާކުނި ވަކިކޮށް އެ އެއްޗިހި އެކި ތަންތަނަށް ލައި ހަދަނީވެސް ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުން" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މިކަމަށް ކުރޭ މަސައްކަތްތަކާއި ހޭދަތައް ކުޑަކުރެެވޭނީ ކުނި އުފެދޭ ހިސާބުން އެތަކެތި ވަކިކޮށްގެން ކަމަށެވެ. ޝައުނާ ވިދާޅުވީ މިހާރުވެސް މާލެ ސިޓީ ނޫން ރަށްރަށުގައި ކުނި ނެރެނީ ވަކިކޮށްގެން ކަމަށެވެ. އަދި ހިޔާ ފްލެޓްގެ 16 ޓަވަރުގެ ތެރެއިން 11 ޓަވަރުގައި ދިރިއުޅޭ މީހުންވެސް ކުނި ނެރެނީ ވަކިކޮށްގެން ކަމަށާއި، މިކަމަށް ވަނީ އާންމުންގެ ބޮޑު އެހީތެރިކަމެއް ލިބިފައި ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ މާލެ ސަރަހައްދުންވެސް ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ނެރެން ޖެހޭނީ ވަކިކޮށްގެން ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ، ބަދަލާއެކު ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް ވެމްކޯގެ މަސައްކަތްތަކަށް ބަދަލު އަންނާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، 1 ޖޫން އިން ފެށިގެން ކުނި ވަކި ކުރުމާއެކު އަޅުގަނޑުމެންގެ ފެސިލިޓީސްތަކާ ހަމައަށް ކުނި ވަކިކުރެވިގެން ގެންދެވޭނެ ކަމުގެ ޔަގީންކަން. އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިދަނީ ވަމުން" ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ ކުނި ވަކިކޮށްގެން މެނޭޖް ކުރެވޭނެ އެންމެ ފުރިހަމަ ވަސީލަތްތައް ހުރިތޯ އެއީ ގިނަ ބައެއްގެ ހިތުގާ އުފެދޭނެ ސުވާލެއް ކަމަށާއި ނަމަވެސް އެންމެ ފުރިހަމަކޮށް ކުރަން ތިބެވެން ނެތް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ކުނި މެނޭޖްކުރުން ފުރިހަމަވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިމީ

    ދެން އެހެންވީމާ ޖޫން އިން ފެށިގެން ކުނިއުކާ ފީ ކުޑަކުރަން އުޅޭ! ވެމްކޯ މުވައްޒަފުންނަށް ލުއިވާއިރު އަހަރެމެންނަށް ބުރަވެފަ ޚަރަދު އެބަ ބޮޑުވޭ! ދެ ތިން ބަޔަށް އަޅަން އިތުރު ކޮތަޅާ އިތުރު ޑަސްބިން ބަހައްޓައިގެން ޚަރަދު ބޮޑުވެފަ އުދަގޫ އުފުލަންޖެހޭ. ފީ ކުޑަކުރަން ޖެހޭނެ.

    12
  2. ވަހީދުބެ

    ވެމްކޯ އަކީ ކުނިއުކާލުމުގެ މަސައްކަތްކުރާ ކުނފުންޏެއް. އެތާނގެ މުވައްޒަފުން ކުރާ މަސައްކަތަކީ އެއީ. މުވައްޒަފުން ކުރަންޖެހޭ މަސައްކަތް. ފައިސާދައްކައިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު އުދަގުލެއް ޖައްސައި، ތިމާވެއްޓަށް ނުރައްކާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރަންޖެހޭ މިންވަރު އިތުރުކޮށް ސަރުކާރަށް ފައިސާ ލިބޭމިންވަރު އިތުރު ކުރުމުގެ ފުރިހަމަ ރޭވުމެއްތީ. ކޮތަޅު ގަންނަން ޖެހޭމިންވަރު އިތުރުވީމަ ލިބޭ ޓެކްސް އިތުރުވާނެދޯ.

    9
    1
  3. މަގުވަޅު ކޮންނަ ކުޑަރިކިލު ނަސްރު

    ވެމްކޯގެ ވާހަކަ ދެއްކުން މި ވަގުތު މިވަނީ ކުރަން ޖެހިފަ. ފައިސާ ދައްކައިގެން ނޫނީ އަމިއްލަ ގޭގެ ދަރިފުޅު ޖަހާ ނެޕީ އުކާލާނެ ޖާގަ ނުލިބުން ގައުމެއް ދައްކަބަލަ މި ދުނިޔެމަތީގަ. ހުރިހާ އެންމެންނަކީ ފައިސާ ވެރިންނެއް ނޫން. 100ރފ ވެސް ހަރަދު ކޮއްލާފިއްޔާ ދަރިންނާ ދަރިންގެ ދަރިންގެ ކަންކަން ނުނިއްމޭ ހިސާބުގަ ވާ ގައުމެއް ރާއްޖެ އަކީ. އަމިއްލަ ކުނި ކޮތަޅު އެއްލާލެވެން ޖެހޭނެ ތަނެއް ހަގީގަތުގަ ސަރުކާރުން ޖެހޭނެ ދަައްކަން ރައްޔިތުންނަށް. ތަހުޒީބު ގެ ނަމުގަ ކަސްތޮޅު އަޅުވަނީ ނިކަމެތި ރައްޔިތުން..

  4. އަލިބެ

    މޮޅުވާހަކަ. ކުނި ނެގިޔަސް ނުނެގިޔަސް 150 ދައްކަން ޖެހޭ ރަޖިސްޓްރީ ވުމަށްފަހު. 2021 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން އިމާރާތުގެ ވެރިފަރާތް ރަޖިސްޓްރީ ކުރުވާފަ އެފަރާތް ތަކުންވެސް ޗާރޖް ކުރޭ. ކުރިން އެޕާރޓްމެންޓް ރަޖިސްވެގެން ހުރިމީހާ އަތުންވެސް ޗާރޖް ނަގާ. މަހެއްގެ މައްޗަށް 45 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ. ހިޔާ ފްލެޓްތަކުގައި ގޮނޑުގެ ވެރިފަރާތް ވެމްކޯ ތިބެނީ ތަޅު އަޅުވައިގެން. ގޮނޑަށް ކުނި ކޮތަޅު ގެނދަންޖެހެނީ ހަވީރު 5 ން ރޭގަނޑު 10 އަކަށް. މާލެގޭ އިމާރާތް ތަކުން ކުނި ނަގަނީ 3 ދުވަހުން އެއްދުވަހު. ގޮނޑު ކުންފުންޔަކީ ހަމަ އެކަނި ލާރި ނަގާތަނެއް. 2 ފޫޓަށް ވުރެން ބޮޑު ފޮށިގަނޑެއް އަލަމާރީ އެއް ހަލާކުވެ އިން ޓީވީ އެއް އަވަނެއް ފަދަ އެއްޗެއް އުކާލަން ވިޔަސް ގޮނޑު މީހުން ނުގެންދޭ. ގެންދަންޖެހެނީ ޕިކަޕަކަށް 300 ދީގެން . ނޫނީ ވެމަކޯގެ ޕިކަޕަކަށް 150 ދީގެން ގޮޑު ޕިކަޕް އަންނާނެ އިރަކުން އައީއްޔާ. ލަދު ހަޔާތް ކުޑަ ކުންފުންޏެއް، ގޮނޑު ވާނީ ހަމަ ގޮނޑަށް

  5. އަލީހު

    ވަރަށް ފުރިހަމަ. ތިޔަ އުސޫލްގަ ލިޔެލިނަމަ ރަނގަޅުވީސް ކުނި ގެންގޮސް ވެމްކޯ އިން ކަނޑަ އަޅާތާކަށް އުކުމަކީވެސް އާމުންގެ ޒިއްމާ އެއްކަމަށް. އޭރުން އަދި މާ ފަސޭހަވާން. ބޮޑު މުސާރަދީފަ ސްޓާފުން ބޭތިއްބީމަ ނިމުނީތާ. ދެން ކޮނމެ ގެއަކުން ނަގާ ފީ ބޮޑު ކުރާނީ. ނޫނީ ކޮއްމެ ދިވެހި ރައްޔިތެއްގެ އަތުން ވަކިވަރަކަށް ލާރި ނަގާނީ. މިވެސް ރަނގަޅު ގޮތެއް. ވެމްކޯ އިން މާ ބޮޑު ކަމެއް ކުރާނެ ކަމެއް ނެތް. އާމުންނަށް ބަ.. ބޮޑުވާނެހެން އަދި ވެމް ކޯ އަށް ލުއިވާނެހެން އުސޫލާ ގަވައިދުތައް ހަދާ. އެޜުން ސަޅިވާނެ

    3
    1
  6. Anonymous

    ގަބޫލުކުރަން ދަތި ވާހަކައެއް ތިޔަ ދައްކަވަނީ.

  7. އަލްޖިބްރާ

    މާލޭގަ ކުނިއުކަމުން ދިޔައީ ކޮންމެހެން ވެމްކޯ އޮވެގެނެއް ނޫން ! އެބަޔަކު އަމިއްލައަށް ކުނިއުކަމުން ގެންދިޔައީ އެކި ގޮތްގޮތަށް ! ކަލޭމެން އާއްމުންގެ އަތުން ލާރިގަޑެއް ފެލާލާނެ ގޮތެއް ހޯދަންވެގެން ވެމްކޯ އުފެއްދީ ! ތިކަމަކުން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ! ވެމްކޯ ހަދާފަ އަބަދުވެސް ރައްޔިތުންނަށް ދުއްޕާން ވާނެ ހުރިހާ ޤަވާއިދެއް ހަދަމުން ތިގެންދަނީ ރައްޔިތުން ބުރަމަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު ފޭރެން ވެގެން ! މިފާއިތުވި ރަމަޟޯން ފެށުނު ތިންދުވަސް ކަލޭމެން ޗުއްޓީ ހަދާފަ ކުނިއުކައެއް ނުލާ ! އެވަރުބަޔަކު އަދިވެސް ތާކުން ތާކު ނުޖެހޭ ޤާނޫނުތަށް ހަދައިގެން އާއްމުންނަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ !