މިހާތަނަށް ފީގެ ގޮތުގާ ލިބެން ޖެހޭ 42 މިލިއަން ރުފިޔާ ނުލިބި ހުރިކަމަށް ވޭސްޓު މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޙަކަ ދައްކަވަމުން އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުޕް ސިރާޖް ވިދާޅުވީ، ކަމާ ބެހޭ ހުރިހާ އިދާރާއަކުންވެސް އެއްބަސްވަނީ ކުނި ނުދައްކާ މައްސަލަ އަށް ހައްލު ގެނެވޭނީ ގާނޫނެއްގެ ތެރެއިން ކަމަށެވެ.

ކުނި އުކާލައިގެން ވެމްކޯ އަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެމްކޯއިން މަސައްކަތް ކުރަމުން ދަނީ އެ ގޮތަށް ހުރި ބިލްތައް ސަސްޕެންޑުކޮށް ރަނގަޅު ޑާޓާ އެއްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ފަށައިގެން އައި އިރު ރެޖިސްޓްރޭޝަން ޕްރޮސެސްގެ ކަންތައްތައް ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ނުކުރެވޭ، އަޅުގަނޑުމެންގެ ރިކޯޑުން އެބަ ދައްކާ އެ ކަންތައްތައް. އަޅުގަނޑުމެން މެނޭޖްމަންޓުން ވެސް އެކަން ގަބޫލުކުރަން. އެ ޑާޓާތައް ކްލިއަކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 80-90 އިންސައްތަ މީހުން މިހާރު ފީ ދައްކަމުން ގެންދާ ކަމަށެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ ވިދާޅުވީ ޔުޓިލިޓީ ބިލްތަކާއެކު ކުނީގެ ބިލް ވެސް ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވޭސްޓް މެނޭޖްމަންޓް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.