ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން ފަސް ބިލެއް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި އެބައޮތްކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން އިއްޔެ ވަނީ މަޖިލީހަށް ފޮނުވާފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކުރުމާއެކު މަޖިލީހުން ވަނީ ބިލުތައް ނުލިބޭ ކަމަށް ބުނެފައެވެ. އެއާއެކު ބިލުތަކާއި ގުޅިގެން ސަރުކާރާއި މަޖިލީހާއި ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ސަރުކާރުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ގަސްތުކުރާ 22 ބިލުގެ ތެރެއިން މިހާތަނަށް ހުށަހަޅާފައިވަނީ ދެ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ. އެއީ ކުނި މެނޭޖްކުރުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރަށް ހަށަހަޅަން ގަސްދުކުރާ ބިލްތަކަކީ:

  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް
    ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
    ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
    ދިވެހި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓްގެ ބިލް
    އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    އާބިޓްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލް
    ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
    ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވީ ސަރުކާރުން ހުށަހެޅިކަމަށް ބުނާ ހަތް ބިލުގެ ތެރެއިން ބާކީ އޮތް ފަސް ބިލު އޮތީ އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ކަމަށެވެ. އަދި އެ ބިލުތައް ވެސް ކުރިޔަށް އޮތް ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

"‏ސަރުކާރުގެ ފަރާތުން ރައްޔިޔުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕަށް ފޮނުވައި، އަދި މަޱުލީހަށް ނުފޮނުވޭ ފަސް ބިލެއް އެބައޮތް. މި 5ބިލްވެސް ކުރިއަށް ހަފުތާގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިގެންދާނެ." ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންބެރު

    ހުރިހާ ބިލުތަކަކީވެސް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް މިކަމުން ސަރުކާރަށް ބޭނުންބަޔަކު ބޭނުންގޮތަކަށް ބަށްޓަން ކޮށްގެން އިންތިހާބަށް ނުފޫޡުފޯރުކުރެވިދާނެ މިއީ އެމްޑީޕީގެ އުސޫލާހިލަފަށް ސަރުކާރުން ރާވާ މަޅިއެއް.