ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ އެރަށުގައި ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1،080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 105.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ .

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު