ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް، ހުސައިން ޝަމީމްގެ ޖިނާއީ ތަހުގީގު ފަށައިފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެސްއެއްގައި، ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޝަމީމް ޕުރެސް އެއްގައި ދެއްކެވި ވާހަކަ ތަކަކީ ކަޑައެޅިގެން ދޮގެއް ކަމަށާއި އެއީ ޖިނާއީ މައްސަލައެއް ކަމަށް ޤަބޫލު ކުރެވޭތީ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދަވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ފެބްރުއަރީ އެކެއްގައި ނެރުނު ހުކުމުގެ މައްސަލައާއި ގުޅިގެން ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން ވަރަށް ދަށު ދަރަޖައިގެ އަމަލުތައް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ޝަމީމް ފެބްރުއަރީ 13 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކަތަކެވެ.

"މި މައްސަލައިގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ހ. ހިޔާ، އަލްއުސްތާޒް ހުސެއިން ޝަމީމް ފެބްރުއަރީ 13 ވަނަ ދުވަހު 20:58 ހާއިރު މީޑިއާގެ ފަރާތްތަކާ ބައްދަލު ކުރައްވައި މޯލްޑިވްސް ޕޮލިސް ސާވިސެސްގެ ފަރާތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާއި ގަރީނާގެ ސައްހަކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތައް ވާހަކަ ދައްކައި، ފުލުހުން ހެކި އުފައްދާ ކަމަށް ބުނެ، ފުލުހުންނަށް ގާނޫނުން މަތި ކުރައްވާފައިވާ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭގޮތައް މީޑިއާއި ބައްދަލު ކުރައްވައި ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރައި، ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ދަތިކޮށް ފުލުހުުން ކުރަމުންދާ ތަހުގީގެއްގެ މަގުސަދު ހާސިލް ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އަޅުގަނޑު ފާހަގަ ކުރަން." ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިކަމަކީ ޖިނާއީ ކުށެެއް ކަމަށް ގަބޫލު ކުރެވޭތީ އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ޝަމީމް ސަސްޕެންޑުވެސް ކޮށްފައެވެ. ޝަމީމްގެ މައްސަލާގައި ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން އޭނާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.