މި ސަރުކާރުގެ އެންމެހާ ކަންކަން ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުމައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފާއިތުވި އަހަރުގެ ތެރޭގައި އެކަނިވެސް ކައުންސިލްތަކުގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ދެނެގަތުމަށް 77 ބައްދަލުވުން ބާއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. މިބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކައުންސިލުތަކަށް ވެސް ކުރިމަތިވަނީ ދާދީ އެއްކަހަލަ ގޮންޖެހުންތަކެއްކަން ބައެއް މިސާލާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެ ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން ހިމެނޭނެކަން ފާހަގަކުރެއްވިއެވެ. އަދި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ޙައްލު ހޯދޭނެގޮތެއް ހޯއްދެވުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރެއްވިއެވެ.

ފެންވަރު ރަނގަޅު ތަޢުލީމާއި ޓާޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި ރާއްޖެ ޓްރާންސްޕޯރޓް ލިންކުން ގުޅައިލުންފަދަ މި ސަރުކާރުގެ ތަރައްޤީގެ އެންމެހާ ކަންކަމާއި ސިޔާސަތުތައް ގުޅެނީ ލާމަރުކަޒީ ނިޒާމާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށާއި ދެވަނަ ބޭނުމަކީ މާލޭގައި އޮތް ތޮއްޖެހުމަށް ލުއިކަމެއް ގެނެސްދީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުންކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައެވެ.

ރައީސް އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ފެށި ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    މިސަރުކާރުގެ ހުރިހާކަމެއް ގުޅެނީ ޕާރޓީކުދިންނަށް ފައިދާވާގޮތަށް ކަންތައްކުރުމާ

    23
  2. ވަހުތާން

    އިންޑިއާ ސިފައިން ރާއްޖޭގައި މިތިބެނީވެސް ލާމަރުކަޒީގެ ދަށުންތޯ؟

    23
  3. އަލީ

    ތިހެންހަދާހާދޮގު ހަނދާނުހުންނާތީދެރައީ ތިރައީސްކަންހޯދަންވެގެން އުޅުނުއިރު ހެދިހާދޮގުތަށްކޮބާހޭ؟؟؟؟؟

  4. Anonymous

    ތިޔަ ލާމަރުކަޒީއަކީ 1970 ގެ ކުރީގައިވެސް އަތޮޅުތައް އޮތް ގޮތްނުންތޯ !

  5. ޢިކުރާމު.

    ލާކިޔާފަ ކިޔާ ކޮންމެ ކަމަކާ ކަލޭމެންގެ ސަރުކާރާ ގުޅޭ ލާދީން ލާ ސަފާރީ ލާ ހޯރަ ލާ ރޭޕު ލާ ވެންޓިލޭޓަރު މިހެންގޮސް ކިޔާފަ ނުކިޔާނެ ކަމެއް ނެތް

  6. ީއަލީ

    ކިޔޭ ނުކިޔޭވެސް ނޭގޭ ހާލުގައި ހުއްނަނީ