މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ވަންނަ ގޮތަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ އިސްނެގުމުގެ މަތިން ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި މިހާތަނަށް ވެސް އަތޮޅު ކައުންސިލްތަކަށް ލިބިފައިވަނީ އެތަންތަނުން ލިބޭ ކުލީގެ ދެބައިކުޅަ އެއްބައެވެ.

މިއަދު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ރައީސް އިއުލާނު ކުރެއްވި ގޮތުގައި އަންނަ ހަފުތާ ތެރޭގައި 2017-2019 ވަނަ އަހަރަށްވާ ކުލި ކައުންސިލްތަކަށް ދޫކުރާނެއެވެ. އެ ފިހާރަތަކަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު, އެތަންތަން އެކީގައި ކައުންސިލުތަކަށް ދޫކޮށްލައިފި ނަމަ، ކައުންސިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސްގެ ކޮންފަރެންސްގައި ބައިވެރިވި ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ.

އަދި އެ މުއްދަތަށް ވާ ކުލި 34 މިލިއަން ރުފިޔާއަށް ވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރެއްވިއެވެ.

"އެކަމަކު ރައީސްގެ އެ ނިންމެވުމާ އެކު 2018 ގައި ފިހާރަތަކުގެ 34 މިލިއަން އަންނަ ހަފުތާގައި ދޫކުރެވޭތޯ މަސައްކަތް ކުރާނަން. ކުރިން އޮތީ 17 މިލިއަން ލިބޭ ގޮތަށް، އެކަމަކު ރައީސްގެ ނިންމެވުމާ އެކު ކުލީގެ ހުރިހާ ފައިސާއެއް ޖަމާކުރާނެ،" އަމީރު ވިދާޅުވިއެވެ.

މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ބައްދަލުކޮށްފައެވެ.

އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެއެވެ.

އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި 2016 ގައި ސަރުކާރުން ދޫކޮށްފައި ވަނީ 17.9 މިލިއަން ރުފިޔާއެވެ. ޖެހިގެން އައި އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލުތަކަށް ޖަމާކޮށްދޭން ފެށާފައިވަނީ ވެސް މި ސަރުކާރު އައުމަށް ފަހުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށުމަން

    ޢެއީ ތެދެއް. ޕްރިންޓަރު ގަ ދެލި ހުސް ނުވަންޔާ ޕްރިންޓް ކޮއްދޭނެ.

  2. ޑައެލޯގް

    ހޫން ތިޔަދެވުނީ ވަރަށްބޮޑު އެއްޗެއްދޮ ވޯޓުކައިރިވަނީއެވެ.

  3. ބަރުގޮނު

    އަތޮޅުފިހާރަތައް ހުރި ބުލޮކުތައް މިހާރު އެވަނީ ހުޅަގުން އިރަށް ވާ ގޮތަށް ބައިކޮށް ލެވިފައި ކަމަށް ފެނޭ. ކޮންމެ އަތޮޅު ފިހާރައެއްގެ އިން ، ބޮޑުތަކުރުފާނު މަގުން ފެށިގެން ހަވީރީ ހިގުމާ ހަމަޔަށް ވަކިކުރެވިފައި ވާނެ ކަމަށް ލަފާކުރެވޭ. މިހާރު އަތޮޅުފިހާރަ ކަމަށް މިހާރު މިބެލެނީ ކޮންމެ ފިހާރައެއްގެ ވެސް އުތުރު ފަރާތް.