އިންތިޚާބުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމު ފިތުނަވުންކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓު ފެބުރުއަރީ 1ގައި ނެރުނު އަމުރުގައި ބުނެފައިވާ ބައި ބާތިލްކޮށް އެ ކޯޓުން ބުދަ ދުވަހު އިއްވި ހުކުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ ގުޅިފައިވަނީ ވެރިކަމުގައި ޚުދުމުޚުތާރުކޮށް ހުންނެވި ބޭފުޅާޔާ ކަމަށެވެ.

"12 މެންބަރުންގެ މައްސަލައަށް ޝަރުއީ ހަމަޔަކުން ފަރުވާއެއް ލިބޭނީ ގާނޫނު އަސާސީގެ 141ވަނަ މާއްދާގައި ބުނާ ފަދަ މިނިވަން ޝަރުއީ ނިޒާމަކުން" ޑރ ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގޮނޑި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުން އަންގާ ހިސާބުން މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅުނު ނަމަވެސް އެކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް އަދި އެމައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

އެ އަމުރުގެ އެ ބައި ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ.

ގޮނޑި ގެލުނު ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުންނަކީ، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި ،މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒުލް

    މިނިވަން އިންސާފވެރި އިންތިހާބަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ގުޅިފައިވާ ޕާޓީތަކުން ތިކުރާ ރީރެޖިސްޓްރޭޝަން

  2. ދިވެއްސެއް

    މިގައުމުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖަމީލު ފަދަ އަމިއްލަ އެދުމުން ފޯވެފަ ތިބި ނަމުގަ ސިޔާސީ މީހުން.

  3. މަނިކު

    ޝަރުއީޖަމީކެކިއަރަނީތޯ