ސަރުކާރުގެ ވިޔަފަރި ކުންފުނި، އެސްޓީއޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި 356 އެޕާޓްމަންޓް އަޅަން ނިންމައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދެ ޓަވަރުގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ފެށުމަށްޓަކައި ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ އެމްސީޖީ ގްރޫޕާ ކަމަށެވެ. އަދި މަޝްރޫއު އެއްކޮށް ނިންމާލެވެނީ ދެ އަހަރެއްހާ ދުވަސްތެރޭގައި ކަމަށާއި ދެ ޓަވަރުގައި 356 އެޕާޓްމެންޓް ހުންނަ އިރު، އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ތަންތަން ވާނީ މުވައްޒަފުންގެ ޖީބަށް ވީހާ ވެސް ލުއި ގޮތްތަކަށް ދޫކުރާ ތަންތަނަށް. ކުރިއަށް އޮތް ދުވަސްތަކުގައި ފްލެޓް ދޫކުރާނެ ގޮތްތައް އަޅުގަނޑުމެން އާންމު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވި އެވެ.

އެހެން ކުންފުނިތަކަށް ވުރެ އެސްޓީއޯގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވީ ޝަހީރު ވިދާޅުވި ގޮތުގައި، އެކަމަށް ބޭނުންވާ ހުއްދަ ތަކާއި އެހެނިހެން މަސައްކަތްތައް އެއްކޮށް ނިންމާލަން ބޭނުންވުމުންނެވެ. އޭނާ ވިދާޅުވީ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުން ދެން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެސްޓީއޯ ފެމިލީގައި ގާތްގަނޑަކަށް 4،000 މުވައްޒަފުން އެބައުޅޭ... އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ޓަވަރެއް އެޅުމަށް،" ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝަހީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެސްޓީއޯގެ މުވައްޒަފެއް

    10 އަހަރު ހިދުމަތްކުރި މުވައްޒަފު ސަރުތު ހަމަވަނީ ފުރަތަމަ ވަރައްދެރަވޭ އެހެންވެ އެނޫން ގޮތަކައް ވިސްނާނެކަމައް އުންމީދު ކުރަން

  2. ނަހޫ

    މިސަރުކާރު ބެސްޓް. އެމީހުންގެ ބޭނުންތަކަށް އިސްކަންދިނުން މުހިންމު. ގައުމުގެ ސަލާމަތް އޮތީ އެމީހުންގެ މަސައްކަތުގަ.