މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން "ނޭޝަނަލް ޕްރިޒަން ސާވިސް" ގެ ނަމަށް ބަދަލު ކުރަން، ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ޤާނޫނު ނަންބަރު 14/2013، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މިމަހުގެ 23 ވީ ހޯމަ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ އެ ބިލު މަޖިލީހަށް ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި، ކޮމެޓީއަށް ހާޒިރުވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮމެޓީން ފާސްކޮށްފައިވާ މި ބިލުގައި އެ ސަރވިސްގެ ނަން ބަދަލު ކުރުމުގެ އިތުރުން ނޭޝަނަލް ޕްރިޒަން ސާވިސް އަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ ޚިދުމަތެއް ކަމަށާއި، ޔުނިފޯމް އެޅި އޮފިޝަރުން ހިމެނޭ މުއައްސަސާއެއް ކަމަށް ހިމަނާފައިވެއެވެ. އަދި ޕްރިޒަން އޮފިޝަރަކު ޤާނޫނާއި ގަވާއިގެ ތެރެއިން ނުބައި ނިޔަތެއް ނެތި ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ އަމަލެއްގެ ސަބަބުން ދައުވާ ނުކުރެވޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަރެކްޝަނަލް ސަރވިސް އިން ރިޓަޔަރ ކޮށްފައިވާ ފަރާތަކުން އެ ސަރވިސްގެ ހިންގުމަށް ނުވަތަ ޤައުމީ ސަލާމަތަށް ބުރޫއަރާފަދަ އަމަލެއް ކޮށްފިނަމަ، އެ ފަރާތަކަށް ދީފައިވާ އިނާޔަތްތަކާއި ރިޓަޔަރެމެންޓް ޝަރަފް އަތުލެވޭނެ ކަމަށްވެސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފައިވާ ބިލުގައި ބުނެފައިވެއެވެ.

މިދެންނެވި ކަންކަން އެ ޤާނޫނުގައި ހިމެނުމުގެ އިތުރުން ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެރޯލް ބާތިލް ކޮށްފި ނަމަ، އެ ހުކުމަކާ ގުޅިގެން އަލުން ޕެރޯލަށް ނޭދެވޭ ގޮތް ހެދުމާއި، ޕްރޯލް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ޝަރީއަތަށް ދިއުމުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމުގެ އިތުރުން ކަރެކްޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނާ އޮފް ޕްރިޒަންސަށް ދިނުންވެސް މި ބިލުގައި ހިމަނާފައިވާ އިސްލާހުތަކުގައި ހިމެނެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ފާސްކޮށްފައިވާއިރު، ދެން އޮންނާނީ މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބިލާމެދު ތަޅުމުން ގޮތެއް ނިންމުމެވެ.