ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި ރަނިންމޭޓްގެ ކެންޑިޑެންސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މާލޭގައި މިނިވަންކަމާއެކު ކޯލިޝަނުން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތް މިވަނީ ތާރީޚްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ހަމައެކަނި މާލޭގެ މަގުތަށް ބަންދުކޮށް ފުލުހުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތަކަށް ވީމައެއް ނޫނެވެ. މައި ސިޔާސީ ޕާޓީތަކުގެ ދިދަތަކުގެ ތެރެއިން އައު ދިޔަދައެއް ފެނި އައު ނަމެއް ފާޅުވުން ވެގެންދިޔައީ ހައިރާން ކުރަނިވި ކަމަކަށެވެ.

މާލޭގެ މަގުތަކުގައި ފިސާރި މުހިންމު ހަރަކާތެއްގެ ތެރެއިން، ނުހަނު ސަޅި ވަގުތެއްގައި ފެނިގެންދިޔަ މިދަންނަވާ ދިދަޔަކީ ސަޅި ފިޔާފޮށި ކުލައިގެ ދިދައެކެވެ. ވިހުރެމުންދުޔަ ދިދައިގައި އިނގިރޭސި އަކުރުން ލިޔެފައިވަނީ "އެމް.އާރު.އެމް" އެވެ. ދިދަ ވިހުރުމުގައި އިސް ސަފުގައި ފެނިގެންދިޔައީ މަޢުމޫނަށް ވަފާތެރިންގެ ގޮތުގައި މަޝްހޫރު ބޭފުޅުންނާއި ކަނބަލުންނެވެ. އަދި އެ ގޮނޑިތަކާމެދު ސާފު ބަހެއް ބުނުމަށް ޝަރުއީ ދާއިރާ މިހާތަނަށް ނުކުޅެދިފައިވާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މި ދިދަތައް ވިހުރަމުންދިޔައިރު، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ޢަބްދުﷲ ކަމާލުއްދީންވެސް ފެނިގެންދިޔައީ "އެމް.އާރު.އެމް" ދިދައިގެ ހިޔަލުގައި ހުންނެވިތަނެވެ.

ފެނިގެންދިޔަ މަންޒަރު މުޅިން ސާފުވެފައި ނުވާތީ އެވާހަކަ ނުދައްކާ ހުއްޓާ މަޢުމޫންގެ ވަރަށް އަރިސް އެއް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް ވިދާޅުވީ "އެމް.އާރު.އެމް" ގެ ފުރިހަމަ ނަމަކީ "މަޢުމޫން ރިފޯމް މޫވްމަންޓް" ކަމަށާއި، އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭނުގައި ކުރީގެ ރައީސް މަޢުމޫންގެ ފަރާތްޕުޅުން ބޭނުންކުރާ ނަމެއް ކަމަށެވެ.

"މަޢުމޫން ރިފޯމް މޫވްމަންޓް" އާ ގުޅޭގޮތުން އަބްދުލް އަލީމް އިތުރަށް ވިދާޅުވީ، މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމުގައި ކުރައްވާ މަސައްކަތްތަކެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ރިޔާސީ ކެމްޕޭނުގައި މަޢުމޫންގެ ސަޕޯޓަރުން ތަމްސީލު ކުރާ "މޫވްމަންޓެއް" ކަމަށެވެ. އަދި އެ މޫވްމަންޓުން ބޭނުންކުރައްވާނީ ފިޔާތޮށި ކުލަ ކަމަށާއި، ލޯގޯއެއްވެސް ބޭނުން ކުރައްވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަލީމް ވިދާޅުވީ، ލޯގޯ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށާއި، ލޯގޯގައިވެސް ހިމެނޭނީ "އެމް.އާރު.އެމް" ކަމަށެވެ.

އެމްއާރުއެމް - މަޢުމޫން ރިފޯމް މޫވްމަންޓްގެ ދިދަ އުފުލާލައިގެން - ފޮޓޯ: މީސްމީޑިއާ

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ރިޔާސީ ރޭހަށް ނެރުއްވި އިބްރާހިމް މުޙައްމަދު ޞޯލިޙް (ޢިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެންސީ ފޯމު ހުށަހަޅާފައިވާއިރު، އެ ދެ ބޭފުޅުން ތަމްސީލު ކުރައްވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއެވެ.

ކޯލިޝަނުގެ ކެންޑިޑޭޓް ބަލިކޮށް ރިޔާސީ ދައުރު ދިފާއު ކުރެއްވުމަށް ރައީސް ޔާމީން ނިކުންނަވަނީ ރަނިންމޭޓެއްގެ ގޮތުގައި ޒުވާނުންނާއި އެތަށް ދިވެހި ރައްޔިތުންނެއްގެ ލޯތްބާއި ޤަދަރު ހޯއްދަވައިގެން ހުންނެވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ އެކުގައެވެ.

ރިޔާސީ ރޭހުގައި ދެން ވާދަ ކުރައްވާނެކަމަށް މިހާތަނަށް އިޢުލާން ކުރައްވާފައިވަނީ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ރައީސް ސުޖާއު ހުސައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ތަނަކު ބާކީވެފައި ތިބި ހަތާނެތް ކުޅަދުރުތަކެއް......... ކެކެކެކެކެކެކެ....... އަދަރާދަގޮނޑި މޫވްމެންޓް ކިޔަންވީނޫންތޯ!

 2. ޥަރު

  ޕީޕީއެމް ދަރުބާރު ފެކްޝަން????

 3. އެމް އެމް އާރު

  ތިއީ ވެކްސިނެއްތަ؟ އެމް އެމް އާރު ކިޔާ ވެކްސިނެއް ދަންނަން...

 4. ނަސީމު

  އަސްތާ ފިޔާތޮށި ކުލަޔަށް މި ބޭބޭފުޅުން އެލަޖިކުނުވޭތަ މީ ކޮންކަމެއް ތިމަރަފުށީ މުސްތޮފާމެން ދުވަހަކުވެސް މައުމޫނާ އި މައުމޫނުގެ ބޭބޭފުޅުންނަށް ހެވެއްނޭދޭނެ ތިއުޅެނީ މައުމޫނުގެ ސަޕޯޓަރުއްނަށް އޮޅުވާލަންވެގެން ތިކަމެއްނުވާނެ ތިމަރަޔާ ގައްސާނަން ހަދާލިގޮތް ހަނދާން އެބަހުރި ތިމަރަ....