ޤަވާއިދާ ޚިލާފަށް ހުއްދަނެތި ނޫސްވެރިންގެ ގޮތުގައި ޙަރަކާތްތެރިވި އޭއެފްޕީގެ ދެ ނޫސްވެރިން ޑީޕޯޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެވެ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރެވޭނީ އެ މަސައްކަތަކަށް ޚާއްސަ ކުރެވިފައިވާ ވީޒާއެއްގެ ދަށުން ކަމަށެވެ.

އަދި ރާއްޖެއަށް އެތެރެވާ ނޫސްވެރިންވެސް ޢަމަލު ކުރަން ޖެހެނީ އެގޮތުގެ މަތިން ކަމުގައިވާއިރު، އޭއެފްޕީގެ ދެ ރިޕޯޓަރުން ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ ޓުއަރިސްޓް ވީޒާގައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިއްޔެ ޤަވާއިދާ ޚިލާފަށް ޙަރަކާތްތެރިވަމުން ދަނިކޮށް މާލެއިން ހައްޔަރުކޮށްފައި ވަނީ، އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އާތިޝް ރަވީ ޕަޓޭލް އާއި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަނީ ޝަރުމާއެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު އިމިގްރޭޝަނާއި ޙަވާލުކޮށްފައިވާއިރު، އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ އެންމެހައި ބިދޭސީ ފަރާތްތަކުން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި ޤަވާއިދުތަކަށް ޙުކުމަތްތެރިކޮށް ހިތުމަށާއި، އެ ޤާނޫނުތަކާއި ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް ދަންނަވާ ކަމުގައެވެ.