ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ފަސް ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.

މިނިވަންދުވަހާއި ގުޅުވައިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމް މިއަހަރު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ފަޟީލަތުއްޝައިހް އަހުމަދު ފާރޫގް މުހައްމަދު، އަހުމަދު މާހިރު، ޝަމީމާ ކަނބުލޭގެ ފާނު، އަލްމަރްހޫމް މުހައްމަދު ޝާކިރު އަދި އަހުމަދު ސަލީމުއެވެ.

ފަޟީލަތުއްޝައިހް އަހުމަދު ފާރޫގް މުހައްމަދުއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ހިދުމަތް ކުރުމާއި، ދީނީ އިލްމް އުގަންނައިދިނުމުގެ ދާއިރާއިންނެވެ. އަދި އަހުމަދު މާހިރުއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ޝަމީމާ ކަނބުލޭގެ ފާނަށް މި އެވޯޑް އިޖުތިމާއީ ޙިދުމަތުގެ ދާއިރާއިން ލިބިވަޑައިގެންފައިވާއިރު އަލްމަރްހޫމް މުހައްމަދު ޝާކިރުއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ މަސައްކަތްތެރިކަމުގެ ދާއިރާއިންނެވެ. އަދި އަހުމަދު ސަަލީމުއަށް މި އެވީޑް ލިބިވަޑައިގެންފައި ވަނީ ކުޅިވަރުގެ ދާއިރާއިންނެވެ.