އިލްމު ޖަމިއްޔާގެ ފަރާތުން ލ. މާމެންދޫގައި ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ހާފިޒުން އުފެއްދުމުގެ މި ޕްރޮގްރާމަކީ މި އަހަރުގެ ޖުލައި މަހު ޢިލްމުން ބޭއްވި އެ ޖަމިއްޔާގެ މަންދޫބުންގެ ބައްދަލުވުމުގައި ލޯންޗުކުރި ހުއްފާޒު ޕުރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ގޮތުން ޢިލްމު ޖަމިއްޔާއިން ހުއްފާޒު ޕުރޮގްރާމް ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ގޮތް ބައިވެރިންނަށް ކިޔައިދިނުމާއި ޤުރުއާން ހިފުޒުކުރުމުގެ އުކުޅުތައް ދަރިވަރުންނަށް ކިޔައިދިނުން މި އިވެންޓުގައި އޮތެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު މާމެންދޫގައި ހާފިޒުންގެ ޖީލެއް އުފެއްދުމަށްޓަކައި ރަށު ކައުންސިލާއި، ޤުރުއާން ކުލާސްތަކާއި، ޖަމިއްޔާތައް ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެސް ވެއެވެ. ހުއްފާޒު ޕުރޮޖެކްޓު މާމެންދޫގައި ކުރިޔަށްދަނީ އޭ.އެސް ޤުރުއާން ކުލާހާއި ގުޅިގެންނެވެ. އޭއެސް ޤުރުއާން ކުލާހުގައި ކިޔަވަމުންދާ 100 ދަރިވަރުންގެ ތެރެއިން 45 ދަރިވަރުންވަނީ ހިފްޒު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާލުކޮށްފައެވެ. މި ފެށޭ ހަފްތާގައި މި ދަރިވަރުންނަށް ޚާއްސަ ހިފުޒު ކުލާސްތަކެއް ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލ މާމެންދޫގެ އިތުރުން ގަން، އިސްދޫ، ފޮނަދޫގެ ޤުރުޢާން ކުލާސްތަކާއި ގުޅިގެން ހާފިޒުން އުފެއްދުމުގެ މިޕޮރޮގްރާމް ކުރިޔަށް ގެންދިއުމަށްވަނީ ރޭވިފައެވެ. ހުއްފާޒް ޕްރޮޖެކްޓްގެ އަމާޒަކީ 3 އަހަރ ތެރޭ ލ އަތޮޅުން 10 ހާފިޒުން އުފެއްދުމެވެ.

ލާމު އަތޮޅުގެ ހުރިހާ ރަށެެއް ތަމްސީލުކުރާ ޢިލްމު ޖަމިއްޔާއިން ވަނީ މީގެ ކުރިން ވެސް މިފަދަ ތަފާތު ދީނީ ޕްރޮގްރާމްތަކެއް ލާމު އަތޮޅުގެ އެކިއެކި ރަށްރަށުގައި ހިންގާފައެވެ. މިގޮތުން މިސްކިތްތަކުގައި ބޭއްވޭ ދަރުސް ޕްރޮގްރާމްތަކުގެ އިތުރުން ޢިލްމުވެރިންނާއި ޒުވާނުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ޕްރޮގްރާމްތަކާއި އިޖްތިމާޢީ އަދި ދީނީ ތަފާތު ވޯކްޝޮޕްތައް ވަނީ މިޖަމިއްޔާއިން ބާއްވާފައެވެ.