މިއަހަރުގެ ދެވަނަ ހަނދު ކޭތަ، އަދި މިގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ މިރޭ ހިފާނެއެވެ.

މިރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:14 ގައެވެ. އެ ވަގުތު ހަނދަށް އެޅެން ފަށާނީ ވަރަށް ފަނޑު ހިޔަންޏެކެވެ. އެހެންކަމުން ހަމަލޮލުން ބަލާއިރު ހަނދު ކޭތަ ހިފަމުންދާކަން ނޭނގިދާނެއެވެ. ނަމަވެސް އޭގެ 70 މިނެޓް ފަހުން، މި ރޭގެ 23:24 ގައި ބިމުގެ އަނދިރި ހިޔަނި ހަނދަށް އެޅެން ފަށާނެ އެވެ.

ފުރިހަމަ ހަނދު ކޭތައެއް ހިފާނީ ރާއްޖޭ ގަޑިން މި ރޭ މެންދަމު 00:30 ގައެވެ. ފުރިހަމަ ހަނދު ކޭތަ އެއް ގަޑިއިރާއި 43 މިނެޓަށް ދެމިގެން ދާނެއެވެ. ކޭތަ ވީއްލަން ފަށާނީ ފަށާނީ މި ރޭގެ މެންދަމުން އަލިވެ 2:13 ގައެވެ. ކޭތަ ވީއްލާނީ، މި ރޭގެ މެންދަމުން އަލިވެ 4:28 ގައެވެ. މިރޭ ހަނދު ކޭތަ ޖުމްލަ ފަސް ގަޑިއިރާއި 14 މިނެޓަށް ދިގުދެމިގެން ދާނެއެވެ.

މިރޭ ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގަ އެވެ. އެހެންކަމުން މިއީ "ބްލަޑް މޫން" ހަނދު ކޭތައެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއްވާ ގޮތުގައި ކޭތަ ނަމާދު ކުރުން އޮންނާނީ މިރޭ 23:30 ގައެވެ.

އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކަށް ވެސް މި ރޭގެ ހަނދު ކޭތަ ފެންނާނެއެވެ.