އީޔޫއިން ނެރުނު ގަރާރަކީ ރާއްޖެއާ މެދު އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅެއް އެޅިޔަސް އަދި ނޭޅިޔަސް، އެ ޖަމާއަތުން ފާސްކުރި ގަރާރަށް ފަހު އޭގެ ގެއްލުން ރާއްޖެ އަށް ލިބެން ފަށާނެ ކަމަށެވެ.

"ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީމާ އެއީ އޭގެ ޒާތުގައި ވަރަށް ހަރުކަށި ފިޔަވަޅެއް. އޭގެ ނަތީޖާ އަޅުގަނޑުމެންގެ ރާއްޖެ އަށް ނުރަނގަޅު ގޮތުގައި ފޯރަފާނެ ކަމެއް އެއީ. ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ފިޔަވަޅު އަޅާފާނެ ކަމަށް ޔޫރަޕިއަން ކައުންސިލުން ބުނުމުން އެއިން އަޅުގަނޑުމެންނަށް މި ދޭހަކޮށް ދެނީ ޔޫރަޕްގެ އިންވެސްޓަރުންނާއި ޔޫރަޕްގެ ބޭންކްތަކާއި ޔޫރަޕުން ރާއްޖެ އަށް މިހާރު ދަތުރު ކުރަން ވިސްނަމުންދާ ފަތުރުވެރިންނަށް މީގެ އަސަރު ކުރާނެ ކަމަށް،" ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވި އެވެ.

އީޔޫގެ ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އީޔޫ ކައުންސިލްގެ ގަރާރުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެ އަށް ދިނުމުން އެތައް ގައުމެއްގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިގެން ދިޔައީ ކަމަށެވެ. އަދި އެ ގަރާރު ފާސް ކުރުމާ އެކު އީޔޫގެ އެއްވެސް ގައުމަކުން ރާއްޖެ އަށް އިންވެސްޓް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގަރާރު އޮތްގޮތުން ވަކިވަކި ފަރުދުންނާ މެދު ފިޔަވަޅު އެޅި، ވަކިވަކި ފަރުދުންނަށް ވެސް އޭގެ ގެއްލުން ކުރިމަތިވެދާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އީޔޫގެ ގަރާރަކީ ރާއްޖެއާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށްވިޔަސް އެފިޔަވަޅަކުން އިދިކޮޅު ބައިގަނޑަށްކުރާނެ އެއްވެސް ފައިދާއެއްނެތްކަން ނެއެގޭތަ؟ އެފަދަ ކޮންމެ ގަރާރަކަށް ސަރުކާރުންރައްދުދެނީ މާފުރިހަމައަށް، އެގޮތުން ހުރިހާކަމެއް އެމީހުންނަށް ސާފުކޮށް އެގުނީމަ އިދިކޮޅުމީހުން އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކާ ބުހުތާން ދޮގުހަދާ އީޔޫ ފަދަ ޖަމްއިއްޔާތަށްވެސް އޮޅުވާލަނީކަން މުޅި ދުނިޔެއަށް ސާބިތުވުންނޫން ކަމެއްނެތް؟

  2. ޙަފްޞާ / މާލެ

    މީނަ ހިތުން ފޮރިންމިނިސްޓަރުކަމުގެ ހުވަފެނުގަޔޯ އެ އުޅެނީ! ނުވާނެ ތިކަމެއް ދުވަހަކުވެސް އިންޝާއﷲ

  3. ޒަޢީމު

    މަގުމައްޗަށް މީހުންނެރެން ކޮންމެދުވަހަކު ގޮވާއ ނަގައިރުވެސް ހަމަ ފެންނަނީ އެއް ބަޔަކު ހާވިޔާ ވެގެން އުޅޭތަން! އެހެންވެ މާޔޫސްވީވީހެން ގޮތް ހުސްވިހުސްވިހެން މީހުން ބިރުގަންނަވައިގެންވެސް މީހުން ނެރެވޭތޯ މި ބަލަނީ! ދެން ތިކަނ ހުއްޓަންވެއްޖެނު ތިޔަށްވުރެބޮދަށް ފަޟޙަތްނުވަނީސް!11

  4. މާރިޔާ

    ކަލެއައްދޯ އެގެނީ

  5. އަބްދުއްލާ

    ދަތިކުރުމުގެ ފިޔަވަޅެއް އެޅިޔަސް ސާހިދުގެ އާއިލާ އަށް ގެއްލުން ވާނެ. އެފިޔަވަޅު އަޅަން ބޭނުންވެގެން އުޅޭމީހުންގެ އާއިލާތައް ކާބޯތަކެތިން މަހުރޫމް ކުރަންވާނެ ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް އެކަކުވެސް ދޫކޮށްގެން ނުވާނެ.