ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަން ތާވަލުކުރި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ޝަރަފްގެ ހިނގާލުން ފެށުމަށްހަމަ ޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ.

އެގޮތުންބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ. ޝަރަފްގެހިނގާލުން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ މިއަދުއެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް އެމްއެންޑީއެފްއިް ހާމަ އެއް ނުކުރެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހެވިކަމާ ކުޅިވަރުގެ ހަރަކާތްތަށްވެސް އިއްޔެވަނީ ކެންސަލް ކޮށްފައެވެ.

ހޯމް މިނިސްޓްރީން ހާމަކުރިގޮތުގައި ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތް މިރެއަށް ވަނީފަސްކުރެވިފައިވާ ކަމަށެވެ. އަދި ރޭ ބޭވުމަށް ހަމަޖެހުނު މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަށް ކެންސަލް ކުރީ ރޭ ހަނދު ކޭތަ ހިފުމުންނެވެ.

މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ މިނިވަން ލިބުނު ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު