ލ.މާމެންދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް ޖަނަރޭޓަރަށް ބުރާސްފަތި ދުވަހު ހަވީރު ދިމާވި މައްސަލައަކާ ގުޅިގެން އެރަށުގެ ތިން ފީޑަރުގެ ތެރެއިން 1 ފީޑަރުން ކަރަންޓު ކަނޑާލައިގެން ރޭ މެންދަމު 12:00 އަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެކަން ހުއްޓުވީ ކައުންސިލުގެ ނާއިބު ރައީސް އިސްވެ ރައްޔިތުންގެ ތެރެއިން ބަޔަކު ގޮވައިގެން ހިންގި ޖަރީމާގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މުޅި ރާއްޖެއަށް ސައުވީސް ގަޑިއިރު ކަރަންޓު ޔަޤީންކޮށްފައިވާ ކަމަށާއި، ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް އަވަސް ފުރުޞަތެއްގައި ހައްލު ކުރުމަށް އެ ކުންފުނި އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މާމެންދޫގެ ކަރަންޓުގެ ހާލަތު ގޯސްކުރީ އެމްޑީޕީއަށް ނިސްބަތްވާ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހަބީބު ކަމަށް ފެނަކައިން ވިދާޅުއިރު، ހަބީބު "ވަގުތު" އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި މުޅި ރަށުން ކަރަންޓު ކަނޑާލާފައިވަނީ ރައްޔިތުންނާއެކު އިންޖީނުގޭ ސަރަހައްދަށް އެއްވެ، ފެނަކަ މާމެންދޫ ބްރާންޗާވެސް މަޝްވަރާ ކޮށްގެން ކަމަށެވެ.

"އިއްޔެގެ ކުރީ ދުވަހު ފަހަކުން ފެށިގެން ހައްލެއް ނުލިބި ދާތީ ރައްޔިތުންގެ ގިނަ ބަޔަކު ނިކުމެ މަޝްވަރާކޮށްވެސް ގޮތެއް ނުނިމިގެން ރޭގައި ކަރަންޓު ކަނޑާލީ ހައްލެއް ލިބެންދެން އެއްގޮތަކަށްވެސް ކަރަންޓު ނުދޭގޮތަށް. ރޭ ރައްޔިތުން ނިކުމެ އިންޖީނުގޭ ކައިރިއަށް އެއްވެ އަދި އެފަރާތާ ވާހަކަ ދެކެވިގެން ކަރަންޓު ކަނޑާލެވިފައި ވަނީ." މުޅި ރަށުން ކަރަންޓު ކަނޑާލާފައިވަނީ އެއްގޮތަކަށްވެސް ކަރަންޓު ނުދެވިގެން ނޫންކަން ދޭހަވާގޮތަށް ހަބީބު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މާމެންދޫ ރައްޔިތުންނާ ކައުންސިލްގެ ބައެއް މެންބަރުން ގުޅިގެން މާމެންދޫގެ މުޅި ރަށުން ރޭގެ ވަގުތެއްގައި ކަރަންޓު ކަނޑާލަން މަސައްކަތް ކުރުމުން ފެނަކައިން އެކަމަށް އިޖާބަދީފައިވަނީ ރަށެއްގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ނުކުރުމުގެ ގޮތުން ކަމަށެވެ.

ފެނަކައިން ވިދާޅުވީ، ކުރިން އެރަށަށް ގެންދިއުމަށް ރޭވިފައިވާ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ހަލުވިކޮށް، މިހާރު އެރަށަށް ގެންދިއުމަށް ފުރުވާލާފައިވާ ކަމަށާއި، މިރޭ 08:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި މާމެންދޫއަށް އިންޖީނު ގެންދެވޭނެ ކަމަށެވެ. އަދި މާދަމާ މެންދުރު ކުރިން އައު އިންޖީނު އިންސްޓޯލްކޮށް މާމެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށެވެ.

ކައުންސިލާއި، ރައްޔިތުންގެ ބަޔަކު ރޭގައި މުޅި ރަށުން ކަރަންޓު ކަނޑާލުމަށް ކުރި މަސައްކަތުން މުޅި ރަށުން ކަރަންޓު ކަނޑާލި ނަމަވެސް، ފަހުން ރައްޔިތުން ކަރަންޓު ދިނުމަށް އެއްބަސްވުމުން މިހާރު ރަށް ދެބަޔަކަށް ބަހާލައި، ދެގަޑިން ދެގަޑިން ކަރަންޓު ދެމުން އަންނަ ކަމަށްވެސް ފެނަކައިން މަޢުލޫމާތު ދެއްވިއެވެ.

މާމެންދޫގެ ކަރަންޓަށް މައްސަލަ ދިމާވެފައިވަނީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 400 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިހާރު އެރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ 160 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. މާދަމާ އަލަށް ގެންނަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓު ދެވިގެންދާއިރު، 400 ކިލޯވޮޓްގެ ޖަނަރޭޓަރު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްވެސް ފެނަކައިން އަންނަނީ ކުރަމުންނެވެ.

ފެނަކަ އިން އިލްތިމާސް ކުރައްވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނިމަކީ ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ލާޒިމު ކަމަށްވާއިރު، ކަރަންޓުގެ ޚިދުމަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމުގައި ރައްޔިތުންނާއި، ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މާމެންދޫއަށް އަލަށް ގެންދެވޭ ޖަނަރޭޓަރު ބޭލުމާއި އިންސްޓޯލް ކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަން

    އެމް.ޑީ.ޕީ ގައި ތިބޭނީ މުޅިންވެސް އެ ޙަބީބު ކަހަލަ ގޮތެއްފޮތެއް ނެތް މީހުން.

  2. ހުސޭނުބޭ

    ތިއީ ރައްޔިތުންނަށް އުނދަގޫކުރަން އުޅޭ ބައެއް!

  3. މާމެންދޫ

    ތީހަމަ ރަނގަޅު ޚަބަރެއް، މުޅިރަށުގައި ފިތުނަ އުފައްދާ މީހަކީ ތި ހަބީބު، އަސްލުވާ ގޮތަކީ ހަބީބު މަސައްކަތް ކުރަނީ އެހެން މީހެއްގެ ސިކުނޑިން، ކޮންމެވެސް މަޖުބޫރުކަމެއްގެ ސަބަބުން ނެތް އެނޫންގޮތެއްވެސް ހަބީބަކަށް

  4. Anonymous

    މާމެންދޫ އޮިންޖީނުގޭ ސެކިއުރިޓީ އައީ ވެސް ރައްޔިތުން އެއްވެ އިންޖީނު ގޭ ކައިރީ ތިއްބާ..

  5. ޖައްރާފާ

    ޔަގީން ވަނީ މާ ބޮޑަށް

    • މަބޫ

      ޔަގީން ވަނީކީ ނޫން މިނަށް ވުރެ ޖައްބާރީ

  6. މޫސަ123

    ތިޔައީ ވަރަށް ތަންދޮރު ނުދަންނަ މީހުން އުޅޭ ރަށެއް ކަމަކަށް އޮންނަނީ ދެޕާޓީ ޖަގަހަ ހަދައިގެން ވަރުގަދަޔަށް އަޑުގަދަކުރާއިން ލަވަޖެހުން މުޅިރަށުތެރެ ހީވާނީ ޑިސްކޯއެއްހެން ނަމާދުވަގުތެއް އެހެންއެއްޗެއް ނުބަލާނެ ވަރަށް ގަމާރު ކުދިން ކޮޅެއް